ދިއްލީ (ޖެނުއަރީ 6): އިންޑިއާގެ ޑެއިލީ ނިއުސް އެންޑް އެނަލިސިސް ނޫހުގެ ކުރީގެ ނައިބު ރައީސް އަދާޝް މިޝްރާ، އިމާރާތަކުން ވެއްޓި މަރުވެއްޖެ އެވެ.

މުމްބާއީގެ ފުލުހުން ބުނި ގޮތުގައި މިޝްރާ މަރުވީ ގޮރެގައޮންގައި ހުންނަ އޭނާގެ ގޭގެ ޓެރަސް މަތިން ވެއްޓުމުގެ ސަބަބުންނެވެ. އަދި އޭނާއަކީ އާއްމު ގޮތެއްގައި ހެނދުނު ގަޑީގައި ޓެރަހަށް އަރާ މީހެއް ކަމަށާއި އިމާރާތުން ވެއްޓެން މެދުވެރިވި ސަބަބު ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ދަނީ ސީސީޓީވީ ފުޓެޖުގެ އެހީގަ އާއި އާއިލާގެ މެމްބަރުންނާ ވާހަކަ ދައްކައިގެން އެހާދިސާ ތަހުގީގު ކުރަމުންނެވެ.

ވަރަށް ފަހަކާ ޖެހެންދެން ޑީއެންއޭ ނޫހުގައި ނައިބު ރައީސްކަން ކުރި މިޝްރާ ވަނީ ނޫސްވެރިކަމުގެ ދާއިރާގައި 18 އަހަރު ހޭދަކޮށްފަ އެވެ.