06 Jan 2019, 16:21
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ތާއީދާއެކު މަޖިލީހަށް ވާދަކުރާނެ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ ރައީސް މައުމޫންގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލާން ބޭނުންުވާ މީހުން އެކަން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެ މޫވްމަންޓްގެ ހޮޓްލައިން ނަންބަރު 7965444 އަށް މެސެޖު ކުރަން ޖެހޭނެ ކަމަށެވެ.
ރައީސް މައުމޫންގެ ތާއީދާއެކު މަޖިލީހަށް ވާދަކުރާ މެމްބަރުން ހޮވުމަށް ތައްޔާރުވަމުން އަންނައިރު ކޯލިޝަން ސަރުކާރުގައި އެކި ޕާޓީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ދާއިރާތަކާމެދު މިހާރު ވަނީ ޚިޔާލުތަފާތުވެފައެެވެ.
ކުރިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު 12 މެމްބަރުންނަަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމާމެދު ޕާޓީތަކުގެ މެދުގައި ހިޔާލު ވަނީ ތަފާތުވެފައެވެ. ނަމަވެސް މައުމޫން ވިދާޅުވީ މެމްރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭނެ ކަމަށް ވެވަޑައިގެންފައިވާ ވައުދުގެ މަތީގައި ދެމިހުންނަވާނެ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުން މިމަހު 18 ވަނަ ދުވަހު މެންދުރު ފަހު 2:30 އިން ރޭގަނޑު 8:00 އަކަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެޕްރީލް ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އިން 86 ދާއިރާއަކަށް ވާދަކުރެ އެވެ.
އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީންވެސް ވަނީ އެ ޕާޓީގެ ޓިކެޓްގައި މަޖިލިސް ދާއިރާތަކަށް ވާދަކުރުމަށް އެ ޕާޓީގެ މެމްބަރުންނަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ.