04 Oct 2011, 09:25
ގައުމު ދޫކޮށް ބޭރު ގައުމުތަކަށް ހިޖުރަކުރާ ދިވެހިން އެއްދުވަހުން އަނެއް ދުވަހަށް މި އަންނަނީ ގިނަ ވަމުންނެވެ. ދިވެހިރާއްޖެ ކަމުނުދަނީ އެވެ. ރަނގަޅު ތަޢުލީމެއް ލިބެން ނެތީ އެވެ. ފުރިހަމަ ޞިއްޙީ ޚިދުމަތެއް ލިބެންނެތީ އެވެ. ދިރިއުޅުމުގެ ޚަރަދު ބަރަދު ބޮޑީ އެވެ. ދިރިއުޅެން ފަސޭހަ ގައުމަކަށް ނުވަނީ އެވެ. އެހެންކަމުން ކިރިޔާވެސް "ގޮތެއް" އޮތް މީހަކަށް މިއަދު އޮތް ހައްލަކީ ރާއްޖެ ދޫކޮށްލުމެވެ. އަނބި ދަރިން ގޮވައިގެން ގޮސް ބޭރު ގައުމެއްގައި ދިރިއުޅުން ފެށުމެވެ.
އަޅުގަނޑުވެސް ގަބޫލުކުރަމެވެ. އަވަށްޓެރި ގައުމުތަކާ އަޅައިބަލާއިރު ދިވެހިރާއްޖެއިން ނުލިބޭ އެތައް ޚިދުމަތްތަކަކާއި ފަސޭހަ ތަކެއް އެގައުމުތަކުން ލިބެން އެބަހުއްޓެވެ. އެހެންނަމަވެސް އެގައުމުތަކުގައި ނެތް އެތައް ގިނަ ނިޢުމަތްތަކެއް އަޅުގަނޑުމެންގެ މި ކުޑަ ކުޑަ ގައުމުގެ ތިރި ފަސްގަނޑުގައި ހުރިކަން ފުރަތަ ގަބޫލުކުރަމާ ހިނގާށެވެ!
ދުނިޔޭގެ މަދުގައުމަކަށް ނޫނީ ސައްތައިންސައްތަ މުސްލިމް ގައުމަކަށް ވުމުގެ ނަޞީބު ލިބިފައެއް ނެތެވެ. ތަފާތު އެތައް ދީނެއްގެ، އެތައް ނަސްލެއްގެ މީހުން ނޫޅޭ ގައުމެއް ވަރަށް މަދުވާނެ އެވެ. ދީނީ ބައިބައި ވުންތަކާއި، ނަސްލީ ތަޅާ ފޮޅުންތައް މިއިން ކޮންމެ ގައުމެއްގައި އަބަދުހެން އޮވެއެވެ. މިފަދަ ހަމަނުޖެހުންތަކުގެ ސަބަބުން ގައުމު ނާމާންވެގެންދާ ފަހަރުފަހަރު އަންނަނީ މަދެއްކޮށެއް ނޫނެވެ. އެތައް ބަޔެއްގެ ފުރާނަ ގެއްލި ގެދޮރު ސުންނާފަތިކުރާ މަންޒަރު ފެނެއެވެ. އަނެއްކޮޅުން އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން އޮތުމުން ދެދުނިޔޭން ގެއްލިގެން ދިޔުމުގެ ފުރުޞަތު އޮންނަނީ ތަނަވަސްވެ ފުޅާވެފަ އެވެ. އެހެންނަމަވެސް މިގައުމަކު އެފުރުޞަތެއް ނެތެވެ.
އަވައްޓެރި ގައުމުތަކުން ފެށިގެން ދުރު ގައުމުތަކާ ހަމައަށް ނަޒަރު ހިންގާލާއިރުވެސް ގުދުރަތީ ތަފާތު ނުރައްކާތެރި ހާދިސާތަކާއި ކާރިސާތަކުން ސަލާމަތްވެފައިވާ ގައުމެއް ނުފެނެއެވެ. ފެންބޮޑުވުމެވެ. ބިންހެލުމެވެ. ބިންގަނޑު ކަނޑައިގެން ދިޔުމެވެ. އަލިފާން ފަރުބަދަ ގޮވުމެވެ. ބޮޑެތި ތޫފާނުތައް އެރުމެވެ. އަދިވެސް މިފަދަ އެތައް ކަމެކެވެ. މިއިން ކޮންމެ ހާދިސާއަކާ ގުޅިގެން އެތައް ބަޔަކު ހާލުގައި ޖެހި، އެތައް ބަޔެއްގެ ފުރާނަ ނެތިގެން ދާވާހަކަ ވެސް އިވި ފެންނަމުން ދެއެވެ. އެހެންނަމަވެސް އިރާދަކުރެއްވީތީ މިގައުމަކު އެފަދަ ހާދިސާތަކެއް ނުހިނގައެވެ.
ބިޔަ ނުރައްކާތެރި ޖަނަވާރު ނޫޅޭ ގައުމެއް ދުނިޔޭގައި ހަމަ ވަރަށް މަދުވާނެ އެވެ. އަވަށްޓެރި ގައުމުތަކަށް ބަލާލިޔަސް މިކަމަކާ ދެބަހެއް ނުވާނެއެވެ. މިނިކާވަގާއި ސިންގާއާއި ނާގަ ހަރުފައާއި އަދިވެސް މިފަދަ ނުރައްކާތެރި އެތައް ޖަނަވާރެކެވެ. އިންސާނުންގެ ފުރާނައަށް ނުރައްކާކުރާފަދަ ތަފާތު އެތައް ސޫތްޕެވެ. ދުވާލު މަސައްކަތުގައި އުޅެނިކޮށް، ނުވަތަ ރޭގަނޑު ނިދާފައި ތިއްބާ އައިސް ގެއަށް ވަދެގަންނާނީ، ކޮންފަދަ ނުރައްކާތެރި ޖަނަވާރެއްކަމެއް ނޭނގެ އެވެ. އެހެންނަމަވެސް މިގައުމަކު އެ ނުރައްކަލެއް ނެތެވެ.
މޫސުމީ ދަތި ތަކަކީވެސް ދުނިޔޭގެ ގިނަ ގައުމުތަކުގައި ދިރިއުޅޭ މީހުން ތަޖުރިބާ ކުރަންޖެހޭ ވަރަށް ބޮޑު ވޭނެކެވެ. ފިނި މޫސުމުގައި ފިނިކަމުން ކެތް ކުރެވޭވަރެއް ނުވެއެވެ. ގައިގެ ހަންގަނޑު ކަނޑަ ކަނޑައިގެން ދަނީ މަދެއްކޮށެއް ނޫނެވެ. ގޭތެރޭގައިވެސް ކެތް ކޮށްލެވެނީ ހޫނުކުރާނެ ކޮންމެވެސް އާލާތެއް ބޭނުންކޮށްގެންނެވެ. ބޭރަށް ނިކުމެވޭނީ ބޯ ކެހެރީގެ ހެދުމަކުން ހަތަރެސްފަޔާއި ބޮލާއި މުޅި ހަށިގަނޑު ނިވާކޮށްގެންނެވެ. މިހެން އުޅެ އުޅެ ތިއްބާ ހޫނު މޫސުން ފެށެ އެވެ. އޭގެ އަނެއްކޮޅަށް ހުރިހާ ކަމެއް ބަދަލުވެ އެވެ. ހޫނު ގަނދަވެގެން ގޮސް ތަންތަން ރޯވާ ފަހަރުވެސް އާދެ އެވެ. އެހެންނަމަވެސް މިގައުމަކުން އެ އުނދަގޫ އިހުސާސްކުރާކަށް ނުޖެހެ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަކީ ބޮޑެތި ގައުމުތަކެވެ. ބިޔަ ޖަންގަލިތަކާއި ބޮޑެތި ފަރުބަދަތަކުން ފުރިފައި ހުރި ގައުމުތަކެވެ. އެތައް އަހަރަކު ދުނިޔޭގައި އުޅެފައި ނިމިގެންދާ އެތައް ބަޔަކަށް، މިފަދަ ގައުމުތަކުން، އިރުއޮއްސެމުންދާ ހިތްފަސޭހަ މަންޒަރު ފެނިނުލުމުގެ ނަޞީބު ނުލިބެއެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅުގެ ލުއިލުއި މިޔުޒިކީ އަޑު އަހާލުމުގެ ފުރުޞަތު ނުލިބެ އެވެ. ގޮނޑު ދޮށުގެ ހިމޫން ވެލިފަށަލަމަތީގައި ފައިތިލަ ޖައްސައިލެވޭނެ ދުވަހެއް ނުލިބެ އެވެ. ކަނޑުގައި ޖެހިލާފައި އަންނަ ފިނިފިނި ވައިރޯޅިގެ ފިނިކަން އިހުސާސްކޮށްލެވޭނެ ފަދައެއްވެސް ނުލިބެއެވެ. އެހެންނަމަވެސް މިގައުމުން އެ ހިތްހަމަޖެހުން ލިބެއެވެ.
މިނިކަންކަމަކީވެސް ކޮންފަދަ ބޮޑު ނިއުމަތެއް ހެއްޔެވެ؟ ބައެއްގެ އަޅުވެތިކަމުގެ ދަލުގައި ހައްޔަރުވުމުން ނޫނީ، އެ ނިއުމަތުގެ މަތިވެރިކަން އިހުސާސްވެސް ނުކުރެވޭނޭފަދަ ބޮޑު ނިއުމަތެކެވެ. މި ނިޢުމަތުން ސިދާ ގޮތުންނާއި ނުސީދާ ގޮތުން މަޙުރޫމުވެގެންތިބެ، ގަނަތެޅެމުން އަންނަ ކިތަން ގައުމު ދުނިޔޭގައި އެބަ އޮތް ހެއްޔެވެ؟ ލޫޓުމާރު ކުރުމާއި ތަޅާ ފޮޅުމާއި ލޭ އޮހޮރުވުން އިންތިހާގަ އެވެ. ގެއިން ނިކުންނަން ޖެހެނީ އެނބުރި އައިސް ވަދެވޭނޭ ކަމުގެ ކުޑަވެސް އުއްމީދެއް ނެތި އެވެ. ޖާނުން ފިދާވެގެން ނުވަތަ އެހެން ވެސް ގޮތަކުން އެއްފަހަރާ އެތައް ސަތޭކަ ބަޔެއްގެ ފުރާނަ އުދުއްސާލުމަކީ ބޮޑުކަމަކަށް ނުވެ އެވެ. އެހެންނަމަވެސް މިގައުމަކު އެފަދަ ބިރެއް ނެތެވެ.
ގައުމު ކިތަންމެ ކުޑަޔަސް މިއީ ތިޔަ ހީކުރާފަދަ ނިކަމެތި ގައުމެއް ހެއްޔެވެ؟ ބުނަންހެއްޔެވެ؟ އެބަޔެއްގެ ގައުމު ކުރިއަރުވައި ތަރައްޤީ ކުރާނީ އެބަޔެކެވެ. މިގައުމުން ނުލިބިގެން ތިއުޅޭ ކޮންމެ ވަޞީލަތަކީ ހޯދަން މަސައްކަތް ކުރުމުން ލިބެން ހުރި ވަޞީލަތްތަކެވެ. ގައުމު ދޫކޮށް ދިޔުމަކުން އެއިން ވަޞީލަތެއް ދުވަހަކު ނުލިބޭނެ އެވެ. މިއީ ތިގޮތަށް ދޫކޮށްލާފައި ދާން ހެޔޮވާވަރުގެ ގައުމެއް ނޫނެވެ. ހުރިހާ ގޮތަކުންވެސް އެއަށްވުރެ މާ މަތިވެރި ގައުމެކެވެ.