މާރުކޭޓުގެ ސާވޭއެއް ކުރުމަށް ފަހު ގޮޅިތަކަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުގެ މެމްބަރު މުހައްމަދު ފަޒީން "ސަން" އަށް ވިދާޅުވީ މާރުކޭޓުގެ ސާވޭއެއް މިވަގުތު ކުރަމުން އަންނަ ކަމަށެވެ.

މިވަގުތު ކޮށްފައިވާ ސާވޭތަކަށް ބެލުމަށް ފަހު ފަޒީން ވިދާޅުވީ މާރުކޭޓުގެ ގިނަ ގޮޅިތައް ހުރީ މުއްދަތު ހަމަވެފައި ކަމަށެވެ.

"ވަރަށް ގިނަ ގޮޅިތައް ހުރީ މުއްދަތު ހަމަވެފައި. އެހެންވެ އެ ތަންތަނުން މީރާއަށް ދައްކަން ޖެހޭ ފައިސާއެއް ވެސް ބަލައެއް ނުގަނޭ. ބައެއް ގޮޅިތަކުގެ އެގްރިމެންޓް ވަނީ އާކޮށްފައި،"

ފަޒީން އިތުރަށް ވިދާޅުވީ ކުރަމުން އަންނަ ސާވޭގެ ބޭނުމަކީ މާރުކޭޓު ގޮޅިތަކުގެ ހާލަތު ދެނެގަތުން ކަމަށެވެ.

"ބައެއް ގޮޅިތަކުގެ އެގްރީމަންޓް އެބަހުރި ހަމަވެފައި އެއްމަސް ދެމަސް ވަންދެން. އެކަންތައްތައް ބަލައި މޮނީޓަރު ކުރަމުން މިދަނީ،"

ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކާއި މަސައްކަތްތަކުގެ ތެރެއިން ވޭތުވެދިޔަ ފަސް އަހަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިފަހައްޓާފައިވާ ހުރިހާ ބާރަކާއި މަސައްކަތްތައް އަނބުރާ ކައުންސިލްތަކަށް ދޫކޮށްލެއްވުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.