ރިޔާޟު (ޖެނުއަރީ 6): ސައުދީ އަރަބިއާގެ ފިރިހެނުން އަނބިމީހާއަށް އެންގުމަކާ ނުލައި ވަރި ކުރުން ހުއްޓުވުމަށް އެގައުމުން އާ ގަވާއިދެއް ތައާރަފްކޮށްފި އެވެ.

ސައުދީ ވަކީލު ނިސްރީން އަލް ގަމްދީ ވިދާޅުވި ގޮތުގައި އާގަވާއިދުގެ ދަށުން، އެ ގައުމުގެ ކޯޓުތަކުގައި ވަރިއާ ބެހޭ ގޮތުން ނިންމާ ގޮތެއް އެމައްސަލައާ ގުޅުން ހުރި އަންހެނަކަށް މެސެޖަކުން އަންގާނެ އެވެ.

އަދި އެއީ އަންހެނުންނަށް އެމީހުންގެ ހައްގުތަށް ކަށަވަރު ކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ގަމްދީ ވިދާޅުވި އެވެ.

ސައުދީގެ އެހެން ވަކީލުން ވަނީ އެގަވާއިދުގެ ސަބަބުން، އެގައުމުގައި އަނބިމީހާއަށް އެންގުމަކާ ނުލައި ވަރިކުރުން ނިމުމަކަށް އަންނާނެ ކަމަށް ބެލެވެ އެވެ. އަދި މިހާތަނަށް އެފަދަ ގިނަ މައްސަލަތަކެއް އަންހެނުން ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

އެއީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެގައުމަށް ގެންނަވާ އިގުތިސާދީ އަދި އިޖުތިމާއީ އިސްލާހުތަކުގެ ދަށުން ގެނައި ބަދަލެކެވެ. އެގޮތުން މީގެ ކުރިން ވަނީ އަންހެނުންނަށް ކާރު ދުއްވުމަށާއި ފުޓުބޯޅަށް މެޗު ބަލަން ސްޓޭޑިއަމަށް ދިޔުމަށް ހުއްދަ ދީފަ އެވެ.