އެމްޑީޕީ ޕްރައިމަރީގައި އޮބްޒާވަރުންނާއި އޮފިޝަލުން ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި އެވެ.

މިމަހު 18 ވަނަ ދުވަހު އޮންނަ އެ ޕާޓީގެ ޕްރައިމަރީގައި ރާއްޖޭގެ އިތުރުން އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯ އާއި އިންޑިއާގެ ޓްރްވިންޑަމް އަދި މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ވެސް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޑީޕީ ޕްރައިމަރީ ކަންތަކާ ބެހޭ ގޮތުން އެ ޕާޓީގެ އޮފީހުގައި އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރު އިބްރާހިމް ވަހީދު ވިދާޅުވީ، ކެންޑިޑޭޓުންގެ ފަރާތުން އޮބްޒާވަރުންނާއި މީޑިއާގެ ފަރާތުން މޮނީޓާ ކުރައްވާ ބޭފުޅުންނަށް ވެސް އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ވުމަށް ޕާޓީގެ މެމްބަރުންނަށް ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް މުއްދަތު ހަމަ ވަނީ ބުދަ ދުވަހަށެވެ.

ޕްރައިމަރީގައި ވޯޓުލުން މިމަހު 18 ވަނަ ދުވަހު މެންދުރު ފަހު 2:30 އިން ރޭގަނޑު 8:00 އަކަށް ކުރިޔަށް ދާނެ ކަމަށް އިބްރާހިމް ވަހީދު ވިދާާޅުވި އެވެ.

ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ، ކޮންމެ ރަށެއްގެ ވެސް އެ ރަށެއްގެ އެމްޑީޕީ ހަރުގޭގަ އެވެ. އަދި ހަރުގެ ނުހުންނަ ރަށްތަކުގައި ޕްރައިމަރީ އޮންނާނީ އެ ރަށެއްގެ އިޖުތިމާއީ މަރުކަޒު ފަދަ ތަނެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރައިމަރީ ބޭއްވުމުގެ އަފުތާއެއްހާ ދުވަސް ކުރިން ޕްރައިމަރީ ބާއްވާ ރަށްތަކުގައި ވޯޓު ފޮށި ހުންނަ މަރުކަޒުތައް އިއުލާން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭ ދަފުތަރު މީހުން ބެހިގޮތާ މެދު މީހުންގެ ކަންބޮޑުވުންތައް ހުރި ކަމަށް ފާހަގަކޮށް އޭނާ ވިދާޅުވީ، ދަފްތަރު މީހުން ބަހާފައި ވަނީ އިލެކްޝަން ކޮމިޝަން އިން އާންމު ކުރައްވާފައިވާ މައުލޫމާތައް ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަން އިން އެބަ އޮތް މިއަހަރު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މާލޭގެ ދާއިރާތައް ބެހުމާ ބެހޭ ގޮތުން ރިޕޯޓެއް އާންމު ކުރައްވާފައި. އެ ރިޕޯޓްގެ އެބައޮތް މާލޭގެ ދަފްތަރު އެބޭފުޅުން ބައްސަވާނީ ކޮން ދާއިރާތަކަށް ކަން. އަދި ދާއިރާތައް ބައްސަވާނީ ކޮން ރޭންޖަކުން ކަން. އަޅުގަނޑުމެން ވެސް ހަމަ އެ ރޭންޖުން އަޅުގަނޑުމެންގެ މެމްބަރުން ތިބި އަދަދު ބަލައިގެން އެބޭފުޅުން ދާއިރާތަކަށް ބަހާފައި ހުންނަނީ،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

ކޮމިޓީ މެމްބަރު އިބްރާހިމް ވަހީދު ވާހަކާ ދައްކަވަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އޭނާ އިތުރަށް ވިދާޅުވީ ވޯޓު ރަޖިސްޓްރީ އެކުލަވާލައިފައި ވަނީ ނިމި ދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް މެމްބަރުން ރަޖިސްޓްރީވެފައިވާ ތަނަށް ކަމަށާއި ރީ ރެޖިސްޓްރޭޝަން އަށް ހުޅުވާލީ އެ ނޫން ތަނަކަށް ވޯޓް ލުމަށް ބޭނުންވާ މެމްބަރުންނަށް ކަމަށެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުލައިފައިވާ ތަންތަނުގެ ތެރެއިން ޕްރައިމަރީގައި ވޯޓު ފޮށި ނުބެހެއްޓޭ ތަންތަން ކަމުގައިވާ ޖަލު، އިންޑަސްޓްރިއަލް ރަށްތަށް އަދި ރިސޯޓް ފަދަ ތަންތާގައި ވޯޓު ލީ އެންމެން އަޅުގަނޑުމެން ޑިފޯލްޓް އިން ބަދަލުކޮށްފައި ވަނީ އެމީހުންގެ ދާއިރާތަކަށް ކަމަށެވެ.

ވޯޓު ލިސްޓްގެ ދާއިމީ ލިސްޓް މާދަަމާ އިއުލާން ކުރައްވާނެ ކަމަށް އެކޮމިޓީން ބުންޏެވެ.

އެޕްރީލް ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އިން 86 ދާއިރާއަކަށް ވާދަކުރެ އެވެ. އެ ޕާޓީގެ ޓިކެޓް ހޯދުމަށް ޕާޓީ ޕަރައިމަރީގައި 280 ފަރާތުން ވަނީ ކުރިމަތިލައިފަ އެވެ. އޭގެ ތެރެއިން މިހާރު ހަތަރު ބޭފުޅަކުން ވަނީ ނަން އަނބުރާ ނަންގަވައިފަ އެވެ. ނުވަ ދާއިރާއަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލައިފައި އޮތުމުން ޕްރައިމްރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ 77 ދާއިރާގެ އެވެ.