މާލޭގެ މަގު މައްޗަށް ކުނި އަޅާ މީހުންގެ ނަންތައް އާންމުކުރަން ފަށައިފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން މިއަދު ކުރި ޓުވީޓެއްގައި ވަނީ ކުނި އަޅައިގެން ޖޫރިމަނާ ކުރި ދެމީހުންގެ ނަމާއި މަގު މައްޗަށް އެޅި ކުނިތަކުގެ ފޮޓޯތައް ފުރަތަމަ ފަހަރަށް އާންމުކޮށްފައެވެ.

ކުނި އަޅައިގެން ޖޫރިމަނާ ކޮށްފައިވަނީ ހދ. ނޭކުރެންދޫ ފްލާވާ ހައުސް ޒުބައިދާ އަލީ އާއި ބ. ތުޅާދޫ މޫރިތިގޭ ހުޝާމް އަލީ އެވެ. ޒުބައިދާ ކުނިތައް ބަހައްޓައިފައިވަނީ ޗާންދަނީ މަގުގައި ހުންނަ ގޮމަށިގޭ ކަންމަތީގައެވެ. އަދި ހުޝާމް ކުނިތައް ބަހައްޓައިފައިވަނީ ދެވިނަމަގުގައި ހުންނަ މއ. ޝިފްރާން ކަންމަތީގައެވެ.

މަގުމައްޗަށް ކުނި އަޅައިގެން މިދިޔަ ބުދަ ދުވަހުވެސް ވަނީ މީހަކު ޖޫރިމަނާކޮށްފައެވެ. ނަމަވެސް އެ މައްސަލައިގައި އާންމުކޮށްފައިވަނީ ހަމައެކަނި އޭނާގެ ގޭގެ ނަމެވެ. ނަން ހާމަނުކުރުމުން އާންމުގެ ފާޑުކިޔުންވެސް ވަރަށް ބޮޑަށް އަމާޒުވިއެވެ.

މަގުމައްޗަށް ކުނި އަޅާ މީހުންގެ ނަން އާންމުކުރުމުގެ ބާރު އީޕީއޭއަށް އޮވެއެވެ. ގާނޫނުގައިވާ ގޮތުން އެ ފަދަ ކުށްކުރާ މީހުންގެ އަތުން ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ނަގާނީ 300ރ. އެވެ. ކުށް ތަކުރާރުކޮށްފި ނަމަ އެ މީހެއްގެ އަތުން 500 ރުފިޔާ ނެގޭއިރު، އެއީ ނުރައްކާތެރި ބާވަތެއްގެ ކުނި ނަމަ، އެ އަދަދު އިތުރު ކުރުމުގެ ބާރު ވެސް ގާނޫނުން އީޕީއޭ އަށް ވަނީ ދީފައެވެ.

"ސާފު ރާއްޖެ" އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގެ ރަށްތައް ސާފު ރަށްތަކުގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުންދީ، މާލޭގެ މަގުތަށް ސާފުކޮށް ބަލަހައްޓައި، މަގުތަކަށް ކުނިއެޅުން ހުއްޓުވުގެ ގޮތުން އެންވަޔަރަމަންޓް ޕޮލިސް ތައާރަފްކުރީ މިދިޔަ އޮގަސްޓު މަހުއެވެ.

މާލޭގައި ގަވާއިދާ ޚިލާފަށް ކުނިއަޅާ ފަރާތްތައް ހުއްޓުވުމުގެ ގޮތުން ފުލުހުން މާލެ މިހާރު ދަނީ ޕެޓްރޯލުކުރަމުންނެވެ. އަދި ގަވާއިދާ ޚިލާފަށް ވެމްކޯގެ ޒޯންތަކުގައި ޕާކުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން ގަވާއިދާ ޚިލާފަށް ކުނި އުފުލާ މީހުންނާ މެދު ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅުއަޅައި، ބައިސްކަލުގައްޔާއި ގާޑިޔާތަކުގައި ގަވާއިދާއި ޚިލާފަށް ކުނި އުފުލަމުންދާނަމަ އެކަންވެސް ހުއްޓުވުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.