ޓްރިޕޮލީ (އޮކްޓޯބަރ 4) : ލީބިޔާގެ ވެރިރަށް ޓްރިޕޮލީން ހަނަގުރާމަވެރިން ފޭބުމަށާއި ހަނގުރާމައާއި ހަތިޔާރުގެ އެއްވެސް ކަމެއް އެރަށުގެ މަގުތަކުން ނުފެންނަގޮތް ހެދުމަށް ޓްރިޕޮލީގެ ޢަސްކަރީ މަޖިލީހުގެ ވެރިޔާ ޢަބްދުލްޙަކީމް ބިލްޙާޖް ގޮވާލައްވައިފިއެވެ.

ހަނގުރާމަވެރިންގެ ކޮމާންޑަރެއް ކަމަށްވާ ބިލްޙާޖް ވިދާޅުވީ ޓްރިޕޮލީ އަމާންވެއްޖެ ކަމަށާއި އެރަށުން ހަނގުރާމައިގެ ބިރުވެރިކުލަވަރު މިހާރު ފެނިގެންނުވާނެ ކަމުގައެވެ. ހަނގުރާމަވެރިން ތިބެންޖެހޭނީ ހަނގުރާމަ ހިނގާ ސަރަޙައްދުތަކުގައާއި ހަނގުރާމައިގެ ބިރުވެރިކަން އޮތް ސަރަޙައްދުތަކުގައި ކަމަށާއި ހަތިޔާރުތައްވެސް ހުންނަންޖެހޭނީ އެސަރަޙައްދުތަކުގައި ނޫނީ ގުދަންތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޢަބްދުލްޙަކީމް ބިލްޙާޖްއަކީ އަލްޤާޢިދާއާ ގުޅުންއޮންނަ ކަމަށް އެމެރިކާ ބުނެގެން ތައިލެންޑްގައި ހައްޔަރު ކުރުމަށްފަހު ގައްޒާފީގެ ސަރުކާރާ ޙަވާލުކޮށް ގައްޒާފީގެ ވެރިކަމުގައި ޖަލުގައި އެތަށް އަހަރަކު އަދަބުލިބިފައިވާ މީހެކެވެ. އޭނާއާމެދު ހިތްހަމަނުޖެހޭކަން އެމެރިކާ ފާޅުކުރަމުން ގެންދެއެވެ. ބިލްޙާޖްއަކީ ގައްޒާފީގެ ސަރުކާރާ ދެކޮޅަށް އެންމެ ވަރުގަދައަށް ހަނގުރާމަކުރި ހަނގުރާމަވެރިންގެ އިސްކޮމާންޑަރެއްވެސް މެއެވެ. އެހެންކަމުން އޭނާގެ ބަރުކަނޑުވާލުމަށް ހުޅަނގުން ކުރާ މަސައްކަތް ކާމިޔާބުވެފައެއްނުވެއެވެ. އަދި އަލްޤާޢިދާއާ އޭނާއާ ގުޅުންވާކަމުގެ ހެއްކެތް އެމެރިކާއަށް ދެއްކިފައެއްވެސް ނުވެއެވެ.

ބިލްޙާޖްވަނީ އޭނާ ގައްޒާފީގެ ސަރުކާ ޙަވާލުކުރި މައްސަލާގައި އިނގިރޭސިވިލާތާއި އެމެރިކާގެ އެދުވަސްވަރުގެ ވެރިންނާ ދެކޮޅަށް ދަޢްވާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. -- އަލްޖަޒީރާ