ދިއްލީ(ޖެނުއަރީ 6): އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ އެހެން މީހުންގެ ހިޔާލު އަޑު އައްސަވަން ދެކޮޅު ހައްދަވާ، ނާގާބިލު ބޭފުޅެއް ކަމަށް އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވިދާޅުވެއްޖެއެވެ.

ޓުވިޓާ މެދުވެރިކޮށް އިއްޔެ ގާންދީ ވިދާޅުވި ގޮތުގައި މޯދީގެ ސަރުކާރުން 2016 ވަނަ އަހަރު ބޭންކު ނޫޓުތަކެއް އުވާލުމާއި ގުޑްސް އެންޑް ސާވިސް ޓެކްސް ރަނގަޅަށް ތަންފީޒު ނުކުރެވުމުގެ ސަބަބުން ގައުމުގެ ކުރިއެރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

"އިންޑިއާއަށް ކުރިއެރުން ގެނުވީ ކޮންގްރެސް (ޕާޓީން). މޯދީ ވަނީ ފައިސާ އުވާލުމާއި ޖީއެސްޓީގެ ސަބަބުން އެ ކުރިއެރުން ހުއްޓުމަކަށް ގެނެސްފަ. (މޯދީއަކީ) އެހެން މީހުންގެ އަޑު އައްސަވަން ދެކޮޅު ހައްދަވާ، ނާގާބިލު ބޭފުޅެއް،" ގާންދީ ވިދާޅުވިއެވެ.

އިންޑިއާގައި މުދަލާއި ޚިދުމަތްތަކުން ޓެކްސް ނަގަން ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.

އޭގެ ކުރިން 2016 ވަނަ އަހަރު އެގައުމުން ވަނީ 500 އާއި 1،000 ރުޕީސްގެ ނޫޓު ބޭނުން ކުރުން ހުއްޓާލައި، އާ 500 ރުޕީސް އާއި 2،000 ރުޕީސްގެ ނޫޓުތައް ތައާރަފްކޮށްފައެވެ. ބޮޑުވަޒީރު މޯދީ ވިދާޅުވި ގޮތުގައި 500 ރުޕީސް އާއި 1000 ރުޕީސް އުވާލުމުގެ މަގުސަދަކީ ކަޅު ފައިސާ ދައުރުވުން ހުއްޓުވުމާއި ކޮރަޕްޝަން ނައްތާލުމެވެ.