ހިފާފައިވާ ޤުދްސު (އޮކްޓޯބަރ 3) : މެދުއިރުމަތީގައި އިސްރާއީލު އިތުރަށް އެކަހެރިވަމުންދާ ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ބެނީޓާ އެއްބަސްވެ ވަޑައިގެންފިއެވެ. އިސްރާއީލަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ވާހަކަ ދައްކަވަމުން ބެނީޓާ މިއަދު ވިދާޅުވީ މެދުއިރުމައްޗަށް އަންނަމުންދާ ބަދަލުތަކާގުޅިގެން އިސްރާއީލު އެކަހެރިވަމުންދާ ކަމަށާ އެކަހެރިކަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ އިސްރާއީލުގެ މުސްތަޤްބަލަށް ނުރައްކާވެދާނެ ކަމުގައެވެ.

އިސްރާއީލުގެ ދިފާޢުގައި ވާހަކަ ދައްކަވަމުން ބެނީޓާ ވިދާޅުވީ އިސްރާއީލުގެ ދިފާޢުގައި އަބަދުވެސް އެމެރިކާ އޮންނާނެ ކަމުގައެވެ. ނަމަވެސް އިސްރާއީލަށް ކުރިމަތިވަމުންދާ އެކަހެރިކަން ކުޑަކުރުމަށްޓަކައި ފަލަސްތީނާއެކު ސުލްޙައިގެ ވާހަކަތައް އަލުންފެށުމުގެ އިތުރުން ބައެއް ކަންކަމުގައި ދޫދޭންވެސް އިސްރާއީލަށް ޖެހޭކަމުގައެވެ.

އިސްރާއީލާއެކު ޑިޕްލޮމެޓީކް ގުޅުންތައް ބާއްވަމުން ގެންދިޔަ ހަމައެކަނި ޤައުމު ކަމަށްވާ މިސްރާއި އުރުދުން އިންވެސްވަނީ ޢަރަބި ޤައުމުތަކަށް އަންނަމުންދާ ރައްޔިތުންގެ އިންޤިލާބުތަކާގުޅިގެން އިސްރާއީލާ ދުރަށްދާން ފަށާފައެވެ. ފަލަސްތީނުގެ ރައްޔިތުންނާދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުންނާއި ތުރުކީގެ ސުލްޙައިގެ އެކްޓިވިސްޓުންގެ ބަޔަކު އިސްރާއީލުން މެރި މައްސަލާގައި ތުރުކީވެސްވަނީ އިސްރާއީލު އެކަހެރިކޮށް ބޮއިކަޓްކޮށްފައެވެ. ތުރުކީއަކީ ދިގުމުއްދަތަކަށް އިސްރާއީލާއެކު ހުރިހާ ގުޅުންތަކެއް ބާއްވަމުން ގެންދިޔަ ހަމައެކަނި އިސްލާމީ ޤައުމެވެ.

ބެނީޓާގެ ދަތުރުފުޅުގައި އިސްރާއީލުގެ އިތުރުން ފަލަސްތީނުގެ ހިފާފައިވަ ބިންތަކަށާއި މިސްރަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މިދަތުރުފުޅުގައި އިސްރާއީލާއެކު ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް ބެނީޓާ ފަލަސްތީނަށް ބާރުއަޅުއްވާނެއެވެ. ފަލަސްތީނުން ބުނެފައިވަނީ ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫޢު އިސްރާއީލުން ހުއްޓާނުލާނަމަ ސުލްޙައިގެ ވާހަކަތައް އަލުން ނުފަށާނެ ކަމުގައެވެ. މިސްރާއި ތުރުކީން އިސްރާއީލު އެކަހެރިކުރުމަށް ކުރާ މަސައްކަތް ހުއްޓުވޭތޯ ބައްލަވާނެ ކަމަށް ބެނީޓާ ވިދާޅުވިއެވެ. -- އަލްޖަޒީރާ