ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުން މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.

މާދަމާ 1:30 ހަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ރައީސް ޔާމީނަށް ޗިޓު ފޮނުވާފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ. ނަމަވެސް ހާޒިރު ކުރަނީ ކޮން މައްސަލައެއްގައި ކަމެއް ސާފެއް ނުވެ އެވެ.

މީގެ ކުރިން މިދިއަ މަހުގެ 15 ވަނަ ދުވަހުވެސް ޔާމީން ފުލުހަށް ހާޒިރު ކުރި އެވެ. އެދުވަހު ހާޒިރު ކުރެވުނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއްގައި ސުވާލު ކުރުމަށެވެ.

އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި މުއްދަތުގައި ގާނޫނާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވިކަމަށް ތުހުމަތުކުރެވިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކަކުން ފުލުހުންނަށް ހުށަހެޅި މައްސަލަތަކެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީނުގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފުލުހުންނަށް މައުލޫމާތު ލިބިފައިވާ އެކައުންޓްތަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ބޮޑެތި އަދަދުތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، އަދި އެ ފައިސާއިން މުއާމަލާތްކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، ރައީސް ޔާމީނުގެ އެ ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ ފްރީޒްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އެމެރިކާ ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް، 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އަދަދެއް ކަމަށް ފުލުހުން ހާމަކުރިއެވެ.