މިއަހަރު އަލަށް އިންތިހާބުވާ މަޖިލީހުގައި އިންނަވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ނަޝީދު މިފަހަރު ކުރިމަތިލެއްވީ މައްޗަންގޮޅީ މެދު ދާއިރާއަށެެވެ. އެމްޑީޕީ ޕްރައިމެރީގެ ކެމްޕެއިން ހަރަކާތެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ދެން ފެށޭ މަޖިލީހެއްގައި އެމްޑީޕީއަށް "ކިތައްމެ ކާމިޔާބީއެއް ހޯދޭނެ" ކަމަށެވެ.

" ގަބޫލުފުޅު ކުރައްވާ. އަނެއްކާވެސް އަޅުގަނޑާއެކީގައި ހުންނަވާ. މި މަޖިލީހުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުވެސް އިންނާނެ. އަޅުގަނޑުމެން މި މަޖިލިސް ބަދަލުކުރާނަން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުކުރި ގޮތުން މަޖިލީހާ މެދު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލިފައިވާކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ފަހު އެވެ. ނަޝީދު ވިދާޅުވީ ވޭތުވެ ދިޔަ މަޖިލިސްތަކުގައި ކަންކަން ވެފައި ހުރި ގޮތާއި ފެނުނު މަންޒަރުތަކަކީ ރައްޔިތުން ކަންބޮޑުވާނެ ކަމެއް ކަމަށެވެ.

އެއީ ރައްޔިތުންގެ ގޭގެ މައްޗަށް އިތުބާރު ގެއްލޭ ފަދަ ކަންކަން ވޭތުވެ މަޖިލިސްތަކުގައި ހިނގާފައި ހުރުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންނަމަވެސް ދެން ހޮވޭ މަޖިލިސް ތަފާތުވާނެ ކަމަށް ނަޝީދު ޔަގީން ކަމާއެކު ވިދާޅުވި އެވެ.

" މަޖިލިސް ނަވާރަ ވެގެންދާނީ ތިބޭފުޅުންނަށް ފުދިގެން އުޅެވޭނެ ވަސީލަތްތައް ހޯދައިދޭ މަޖިލީހަކަށް. އެ މަޖިލިސް ތަފާތު ވާނެ." ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ރައްޔިތުން ދެއްވާން އުޅުއްވާ ބޮޑު އަޣުލަބިއްޔަތު ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެ އަޣުލަބިއްޔަތު ދެއްވަނީ ކޮން ތަޖުރިބާއަކަށް ފަހުކަންވެސް އެނގޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއީ މީގެ ކުރިން އެމްޑީޕީގެ ވެރިކަމެއް ނިމިދިޔަ ގޮތާއި އޭގެ ފަހުން ކަން ހިނގި ގޮތުގެ ތަޖުރިބާއަށް ބެލުމަށް ފަހު ކަމަށް ނަޝީދު ވިދާޅުވި އެވެ.

" 2008 ވަނަ އަހަރު އުފެދިގެން އައި ތިބޭފުޅުންގެ ވެރިކަން ނިމިދިޔަ ގޮތް. އަދި އެއަށްފަހު ދެން އައި އިންތިހާބުގައި ކަން ހިނގާ ދިޔަ ގޮތް. އެ އިންތިހާބަށް ފަހު އުފެދުނު ރައްޔިތުންގެ މަޖިލީހުގައި ކަންވެ ދިޔަ ގޮތް. ރާއްޖޭގެ ރައްޔިތުންނަކަށް ނޯޅޭނެ." ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ދެން ހޮވޭ މެމްބަރުންގެ މަސައްކަތަކަށް ވެގެންދާނީ ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމެއް ހޯދައި ދިނުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް އަކުރުން އަކުރަށް ރަނުން ރަނަށް ފުއްދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެމްޑީޕީ ޕްރައިމެރީގައި ވާދަކުރައްވާ ފަރާތްތަކުގެ ކެމްޕެއިން ހަރަކާތްތަކުގައި ނަޝީދު ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. މިރޭވެސް ތިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަތެވެ.