05 Jan 2019, 21:38
ވޮޝިންޓަން(ޖަނަވަރީ 2019): ފަޒާއަށް ތިން ސެޓަލައިޓް ފޮނުވުމަށް އީރާނުން ރާވާފައިވާ ޕްލޭން ތަންފީޒު ކޮށްގެންނުވާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.
އީރާނަށް އިންޒާރު ދެއްވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ އީރާނުން ސެޓަލައިޓް ފޮނުވުމަށާއި ފަޒާގެ ދިރާސާތައް ކުރުމަށް ބޭނުންކުރާ ރޮކެޓް ތަކަކީ ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީގެ މައްޗަށް ބިނާވާ ތަކެތި ކަމަށާ އެ ޓެކްނޮލޮޖީ ބޭނުންކުރުމަކީ އީރާނަށް މަނާކަމެއް ކަމުގައެވެ.
ވޮޝިންޓަންގައި ދެއްވި ބަޔާނެއްގައި ޕޮމްޕެއޯ ވިދާޅުވީ އީރާނުން ފަޒާއަށް ސެޓަލައިޓް ފޮނުވައިފިނަމަ މިހާރަށްވުރެ ބޮޑަށް ނުކިޔަމަންތެރި ގައުމެއްގެ ގޮތުގައި އީރާން ލޭބަލްވެގެންދާނެކަމަށާ ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީ ބޭނުންކޮށްގެން އަސްކަރީ މިސައިލް އުފެއްދުން އީރާނަށް މަނާކުރާ ގަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާތީ އެ ގަރާރަށް އީރާން ބޯލަނބަންޖެހޭނެ ކަމުގައެވެ. މީގެއިތުރުން މިދާއިރާގެ ދިރާސާތައް އީރާނުން ކުރާނަމަ އެމެރިކާގެ ބައްރަށް ފޯރާވަރުގެ ސްޓްރެޓީޖިކް މިސައިލް އުފެއްދުމުގެ ގާބިލްކަން އީރާނަށް ލިބިގެންދާނެކަމުގެ ބިރު އޮތްކަމަށްވެސް ޕޮމްޕެއޯ ވިދާޅުވިއެވެ.

އީރާނުން ފަޒާއަށް ސެޓަލައިޓެއް ފޮނުވާލަނީ
އދ. ގެ ގަރާރުގައި ބުނަނީ ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީ ބޭނުންކޮށްގެން އަސްކަރީ ހަތިޔާރު ނުއުފެއްދުމަށެވެ. އެޓެކްނޮލޮޖީ ބޭނުންކޮށްގެން ފަޒާއަށް ސެޓަލައިޓް ފޮނުވާ ރޮކެޓް އުފެއްދުންފަދަ އިލްމީ ރީސާޗްތައް ކުރުން މަނާކޮށްފައެއް ނުވެއެވެ. އީރާނުގެ ފަޒާއާބެހޭ އިދާރާއިންވަނީ ކުރިޔަށްއޮތް ތިން މަސްތެރޭގައި ތިން ބާވަތެއްގެ ސެޓަލައިޓްތައް ފަޒާއަށް ފޮނުވާލުމަށް ތައްޔާރުވަމުންދާކަން ހާމަކޮށްފައެވެ. އީރާނުން އަމިއްލަ ޓެކްނޮލޮޖީގައި ފަޒާއަށް ފުރަތަމަ ސެޓަލައިޓެއް ފޮނުވާފައިވަނީ 2 ފެބްރުއަރީ 2009 ގައެވެ. އެއީ އުންމީދުގެ ނަމުން ނަންދީފައިވާ ދިރާސީ ސެޓަލައިޓެކެވެ.
އެއަށްފަހު އީރާނުން ހަތަރު ސެޓަލައިޓް ފަޒާއަށް އަރުވާފައިވެއެވެ. މި ސެޓަލައިޓްތައް ފޮނުވުމަށް އީރާން ބޭނުންކޮށްފައިވަނީ އެގައުމުން އުފައްދާފައިވާ "ސަފީރު" މަރުކާގެ ލޯންޗަރެކެވެ. މިއީ ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ބާރުގަދަ ރޮކެޓެއްގެ މައްޗަށް ބިނާކޮށްފައިވާ ލޯންޗަރެކެވެ.
އީރާނުން ގެންދަނީ މިހާރު ބޭނުންކުރާ ވަރަށްވުރެ ޒަމާނީ ޓެކްނޮލޮޖީގެ މައްޗަށް ބިނާވެފައިވާ ސްޕޭސް ސްޓޭޝަނަކާއި އާތް ސްޓޭޝަނެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި 2022 ވަނައަހަރު އިންސާނަކު ފަޒާއަށް ފޮނުވުމަށްވެސް އީރާނުގެ ފަޒާއާ ބެހޭ އިދާރާއިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ގެ އިންޒާރަށް ރައްދު ދެއްވަމުން އީރާނުގެ ދިފާއީ ވަޒީރުގެ ނައިބު ގާސިމް ތަގީއު ޒާދާ ވިދާޅުވީ އީރާނުން ފަޒާއަށް ފޮނުވުމަށް ތައްޔާރުކޮށްފައިވާ ތިން ސެޓަލައިޓަކީވެސް އަމިއްލަ ޓެކްނޮލޮޖީގައި ބިނާކޮށްފައިޥާ ތަކެތި ކަމަށްވެފައި އެތަކެތި ފަޒާއަށް ފޮނުވުމަށް ބޭނުންކުރާ ރޮކެޓް ތަކަކީވެސް އަމިއްލަ ޓެކްނޮލޮޖީ ކަމުން އީރާނުގެ ފަޒާގެ ޕްރޮގްރާމަށް އެމެރިކާއަށް އެޅޭނެ ހުރަހެއް ނޯންނާނެ ކަމުގައެވެ. އަދި ކަނޑައެޅިފައިވާ ތާރީޚުތަކުގައި އެ ތިން ސެޓަލައިޓްވެސް އީރާނުން ފަޒާއަށް ފޮނުވާނެކަމަށް ގާސިމް ޒާދާ ވިދާޅުވިއެވެ.
އަމިއްލަ ޓެކްނޮލޮޖީގައި ފަޒާއަށް ސެޓަލައިޓް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ގައުމުގެ ތެރޭގައި އީރާން ހިމެނެއެވެ. އެ ގައުމުތަކުގެ ތެރޭގައި ރަޝިޔާ، އެމެރިކާ، ޗައިނާ، ފަރަންސޭސިވިލާތް، ޖަޕާން، އިންޑިޔާ، އުތުރުކޮރެޔާ، އީރާން، އިސްރާއީލު، ޔުކްރޭން، އަދި ބްރަޒިލް އެެވެ. ކައިރި މުސްތަގްބަލެއްގައި ތުރުކީވެސް ސެޓަލައިޓެއް ޖައްވަށް ފޮނުވާނެއެވެ. (ރޮއިޓާސް)