ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްވާ ދެ ވަނަ ފުރުސަތުގެ ދަށުން މިނިވަންކުރާ 400 ގައިދީންގެ ތެރެއިން ތިން ވަނަ ބެޗްގެ 69 ގައިދީއަކު މިރޭ އެ މީހުންގެ އާއިލާތަކާ ހަވާލުކޮށްފި އެވެ.

މާލޭ ސިޓީގެ މޭޔަރާއި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ މެންބަރުން ބައިވެރިވެޑައިގެން ދެވަނަ ފުރުސަތު އޮފީހުގައި ގައިދީންގެ އާއިލާތަކާ އެކު މިރޭ ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހަންމަދު ނައީމް (މޮނާޒާ) ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒު ކުރަން ފެށި ފަހުން ޖަލުގެ ގާޑަކާ ނުލައި އެ މީހުންގެ އާއިލާތަކާ ބައްދަލުވާ މިއީ ފުރަތަމަ ފަހަރުކަމަށާއި މިއީ އެމީހުން އިސްލާހުވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން އާއިލާތަކުންނާއި އެމީހުން ހިފަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަން ތިޔަ ބޭފުޅުން މީގެ ކުރިން ބެޗްތަކުގައި ދިމާވި ފަދަ ކަމެއް ނުކުރައްވާނެ ކަމަށް. ސަރުކާރުން ތިޔަ ބޭފުޅުންނަށް ކޮއްދޭން ޖެހޭ ކަންތައްތައް ކޮށްދިނުމުގައި ދެމި ތިބޭނެ. އެހެންނަމަވެސް ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ އެނބުރި އެއްކަލަ ޖަލަށް އެއްކަލަ ކުޑަގޮޅިއަށް ދާން،" މޮނާޒާ ނައީމް ވިދާޅުވި އެވެ.

މިރޭ ދޫކޮށްލި ބެޗާ އެކު 200 މީހަކު ވަނީ މިހާރު ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލައިފަ އެވެ. އޭއީ އޮގަސްޓު މަހުތެރޭ ފުރަތަމަ ބުރުގެ ދަށުން މިނިވަން ކުރި 84 މީހަކާއި ހަމަ އެ މަހު މިނިވަން ކުރި 47 މީހެކެވެ.
އޭގެ ތެރެއިން ދެ މީހަކު އެކި ކުށްތަކުގެ ތުހުމަތުގައި ވަނީ ބަންދު ކުރެވިފަ އެވެ. ވައްކަމާއި ޑުރަގުގެ ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކުރި އެ ދެ މީހުން ވެސް ގާނޫނީ ހަމަތަކުގެ ތެރެއިން އެނބުރި އެ ޕްރޮގުރާމަށް ގެންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

"އެބޭފުޅުންނަށް ގާނޫނީ ގޮތުން އެނބުރި އާދެވޭނެ ގޮތްތަކެއް މާދަމާ ހަމަޖެހޭނެ. މިކުދިންގެ ޕެންޑިން މައްސަލަތައް އެބައުޅޭ. ބައެއް މައްސަލަ ޕޮލިހުގައި ޕީޖީގައި އަނެއްބައި މައްސަލަ ކޯޓުގައި. އެމީހުން ދޫކުރާ ފަހުން އެފަދަ ކުށެއްގައި ހުކުމްކޮށް ޖަލަށް ގެންގޮސްފި ނަމަ ދެވަނަ ފުރުސަތު ކެޓަގަރީއަށް ފެތޭ ކުށެއްގެ ހުކުމެއް ނަމަ އެބޭފުޅުން އެބުރި ޕުރޮގުރާމަށް ގެންނަނީ،" ނައީމް ވިދާޅުވި އެވެ.

އެ ޕްރޮގުރާމުގެ ގިނަ ފަރާތްތަކުން މިހާރު ވެސް ވަޒީފާ އަށް ނިކުމެ ބަރާބަރުން ޕްރޮގުރާމަށް އެޓެންޑްވާ ކަމަށް ނައީމް ވިދާޅުވި އެވެ.