ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗް އަށް ގެނެސްފިއެވެ.

ޑޮކްޓަރުގެ ލަފަޔާއެކު ގޭބަންދުގައި ހުންނެވުމަށްފަހު މިދިޔަ ބުދަ ދުވަހު ކަރެކްޝަންސް އިން ވަނީ އަދީބު ޖަލަށް ބަދަލުކޮށްފައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އަދީބު ޑޮކްޓަރަށް ދެއްކުމަށް މިރޭ އެހޮސްޕިޓަލަށް ގެންނާނެ ކަމަށް ކަރެކްޝަންސް އިން އަންގާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ ތަކުން ފެންނަ ގޮތުގައި އަދީބު އައިޖީއެމްއެޗަށް ވައްދާފައިވަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.

ޓެރަރިޒަމާއި ޚިޔާނާތާ އެކު ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި އަދީބު ގޭބަންދަށް ބަދަލުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

އަދީބު ގޭބަންދަށް ބަދަލުކޮށްފައި ވަނީ ކިޑްނީގައި ހިލައެއް އުފެދުމުގެ ސަބަބުން އޭނާގެ ސިއްހީ ހާލަތު ގޯސްވެ އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންގޮސް ކުރި އޮޕަރޭޝަނަށްފަހުއެވެ.

ގޭބަންދުގައި ހުންނެވިއިރު އަދީބު ވަނީ އަލަށް އުފެއްދި ސިޔާސީ ޕާޓީ އެމްޓީޑީއަށް ސޮއި ކުރައްވާފައެވެ. އަދި އެ ޕާޓީން ވަނީ އެ ޕާޓީގެ އިންތިގާލީ ރައީސް ކަމަށް އޭނާ އައްޔަން ކޮށްފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ އެއީ ބާތިލް ނިންމުމެއް ކަމަށެވެ. ސަބަބަކީ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ޕާޓީއެއްގެ އާންމު މެމްބަރެއްގެ ގޮތުގައި ހުރުން ފިޔަވައި، ޕާޓީއެއްގެ އެއްވެސް މަގާމަށް ނާދެވޭނެ ކަމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.