ށ. ނޫމަރާއިން ފުރަން އުޅުނު ދޯންޏެއް އެރަށު ނެރުމައްޗަށް އުރިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ނޫމަރާ ނެރުން ނުކުންނަން އުޅުނު 50 ފޫޓުގެ "އަބާރަނާ" ދޯނި ނޫމަރާގެ ނެރު ފައިކަށްޓަށް އަރައިގެން އުޅޭކަމުގެ މައުލޫމަތު އެމްއެންޑީއެފްއަށް ލިބުނީ މިއަދު މެންދުރު 12:34 ހާއިރުކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ، ކޯސްޓްގާޑް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި މީގެ އިތުރުން އެހެން ދޯންޏެއް އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ދޯނި ނެރުމައްޗަށް އެރުމުން ދޯނި ދިޔަވަމުންދާ ކަމަށާއި އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު މިހާރު އެދޯނި ފުން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފައެވެ.

ކުރިޔަށް އޮތް 24 ގަނޑި އިރު މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އުތުރާއާއި މެދުތެރޭ އަތޮޅު ތަކުގެ ކަނޑުތައް ގަދަވާނެ، އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުންވެސް އެކަށީގެންވާ ކަމަށާއި ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މެޓް އޮފީހުން މައުލޫމަތު ދެއެވެ.

އަދި މެދުތެރޭ ބައެއް ރަށްތަކަށްކެރީގެއަސަރު ފޯރުމާއިއެކު ގުގުރުން އެކަށީގެންވާ ކަަމަށް މެޓް އޮފީހުން ބުންޏެވެ.

ވަައި ޖެހޭނީ އިރުއުތުރާއި އިރުން، އުތުރާއި މެދުތެރޭގެ އަތޮޅު ތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައެވެ.

ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

މިވިއްސާރައިގައި ދެކުނުގެ ރަށްތަކަށް ބޯކޮށްވާރޭވެހި އަދި އުތުރާއި މެދުތެރޭގެ އަތޮޅު ތަކަށް ވައިގަދަވާނެ ކަމަށްލަފާކުރެވޭތީވެ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.