ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބު އަދާލަތު ޕާޓީއާ އަނެއްކާ ވެސް ގުޅިވަޑައިގެންފި އެވެ.

މިދިޔަ އަހަރު އަދާލަތު ޕާޓީން އިސްތިއުފާދެއްވުމަށް ފަހު ޖުމްހޫރީއާ ޕާޓީއާ ގުޅިވަޑައިގެންނެވި މުއްތޮލި، އެޕާޓީ ދޫކޮށްލެއްވުމަށް ފަހު އަލުން އަދާލަތު ޕާޓީއަށް ސޮއިކުރެއްވީ މިއަދު އަދާލަތުގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މުއްތަލިބު ވިދާޅުވީ ކުރިން އޭނާ ޕާޓީން ވަކިވެވަޑައިގަތީ ޚިޔާލުވުންތަކެއްގެ ސަބަބުން ކަމަށާއި އަނެއްކާ ވެސް އަދާލަތު ޕާޓީއާ ގުޅިވަޑައިގަތީ މިވަގުތަކީ ޕާޓީ އާ ގުޅުން އެންމެ ރަނގަޅު ވަގުތުކަމަށް ފެންނާތީ ކަމަށެވެ.

"އަޅުގަނޑު ޕާޓީން ވަކިވީ އުފެދުނު ޚީޔާލު ތަފާތުވުމަކާ ގުޅިގެން. ނަމަވެސް މިއަދު އަޅުގަނޑު އަލުން މި ޕާޓީ އާ ގުޅުނީ. އަޅުގަނޑު ކުރިން ވެސް މީޑިއާގައި ބުނެފައި ވާނެ މި ޕާޓީއާ ގުޅެން އެންމެ މުހުންމު ވަގުތު އަނެއްކާ ވެސް އިރާދަކުރެއްވިއްޔާ މި ޕާޓީ އާ ގުޅޭނަމޭ،" މުއްތޮލިބު ވިދާޅުވި އެވެ.

އަދި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމާ އެއްގޮތަށް އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އެ ޕާޓީއާ ގުޅިވަޑައިގެންނެވި ކަމަށްޓަކައި އެމަނިކުފާނަށްް މުއްތޮލިބު މަރުހަބާ ދެންނެވި އެވެ.

އަމިއްލަ މެމްބަރެއްގެ ގޮތުގައި ފަރެސްމާތޮޑާގެ ގޮނޑި ކާމިޔާބުކުރެއްވި މުއްތޮލިބު ވިދާޅުވީ، ކުރިންވެސް އޭނާ މަޖިލީހުގައި މަސައްކަތްކުރެއްވީ އެ ޕާޓީގެ ޚިޔާލާއި މަޝްވަރާއާއި އެއްގޮތަށް ކަމަށާއި ކުރިއެކޭ އެއްގޮތަށް މިހާރު ވެސް މަޖިލީހުގައި މަސައްކަތްކުރައްވާނީ އެ ޕާޓީގެ މަޝްވަރާއާ އެކުގައި ކަމަށެވެ.

ނޫސްވެރީންނާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސެއިން ވިދާޅުވީ މުއްތޮލިބަކީ އެ ޕާޓީގެ އެންމެ އިސް މުއައްސިސުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ކަމަށެވެ. އަދި އެ ޕާޓީ މިއަދު އެ އޮތީ މީގެ ފަސް އަހަރު ކުރިން އުފެދުނު ރޫހުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ އަޚް މުއްތޮލިބު އަނެއްކާ ވެސް މިޕާޓީއާ ގުޅިވަޑައިގަތީ. މުއްތޮލިބަކީ މި ޕާޓީގެ އެންމެ އިސް މުއައްސިސުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް. ދެން މި ޕާޓީން މަސައްކަތް ކުރާނީ މުޅިން އާ އަޒުމެއްގަ އާ ރޫހެއްގައި. ޑރ. މައުރޫފް ވިދާޅުވި އެވެ.