03 Oct 2011, 18:06
ރާއްޖޭގައި މިހާރު ދައުރުވާ ފައިސާގެ ތެރެއަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން 50ރ.ގެ އައު ނޫޓުތަކެއް ނެރޭނެ ކަމަށް ސެންޓްރަލް ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.
އެ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ މިހާރު 50ރ. ގެ އައުޗާޕެއް ދައުރުކުރާ ފައިސާގެ ތެރެއަށް ނެރޭނީ އަންނަ އާދިއްތަ ދުވަހު ކަމަށާއި އެ ނޫޓުތަކުގައި އޮންނާނީ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު ސޮއެ ކަމަށެވެ. އަދި މީލާދީ ތާރީހު ޑިސެމްބަރު 29، 2008 އަށް، ހިޖުރީ ތާރީހު 1 މުހައްރަމް 1430 އަށް ބަދަލުކޮށްފައިވާނެ ކަމަށް ވެސް އެމްއެމްއޭން ބުންޏެވެ.
މިހާރު ބޭނުންކުރާ 50ރ،ގެ ނޫޓުތަކުގައި އޮންނަނީ ނޮވެމްބަރު 11، 2000 އެވެ. އަދި ހިޖުރީގޮތުން 15 ޝައުބާން 1421 އެވެ. އެ ނޫޓުގައި ސޮއި ކުރައްވާފައިވަނީ ގަވަރުނަރުގެ ނަންފުޅުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.
އަލަށް ޗާޕުކޮށްގެން ނެރޭ 50ރ.ގެ ނޫޓުތަކާއެކު މީގެ ކުރރިް ނެރެފައިވާ ފަންސާހުގެ ނޫޓުތައް ވެސް ދައުރުވަމުންދާނެ ކަމަށް އެމްއެމްއޭން ބުނެ އެވެ. ނަމަވެސް، އަލަށް ނެރެނީ އައު ޗާޕުގެ ކިތައް ނޫޓު ކަމެއް އެމްއެމްއޭގެ ބަޔާނުގައި ބުނެފައެއް ނެތެވެ.
އަންނަ އާދިއްތަ ދުވަހު 50ރ. ގެ އައުޗާޕެއް ދައުރުވާން ފަށާއިރު ދާދިފަހުން އެމްއެމްއޭއިން ވަނީ ފަސް ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވެގެން ކަމަށް ބުނެ، 40 ފޮށިގަނޑެއްގައި 2.4 ޓަނުގެ ފައިސާ ޗާޕުކޮށްގެން ރާއްޖެ ގެނެސްފަ އެވެ.