ވޮޝިންޓަން(ޖަނަވަރީ 5): އެމެރިކާގެ ބަޖެޓް ފާސްނުވުމުގެ ސަބަބުން ފެޑެރަލް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ މައްސަލަ ހައްލުކުރުމާބެހޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް މެންބަރުން ކުރެއްވި މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިމިއްޖެއެވެ.

ވައިޓް ހައުސްގައި ކުރިޔަށްގެންދިޔަ މިވާހަކަތަކުގައި ބައިވެރިވެ ވަޑައިގެންނެވި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސާ ނެންސީ ޕެލޯސީ ވިދާޅުވީ ޓްރަމްޕްގެ ރިޔާސީ ޓީމާއި ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް މެންބަރުންގެ ތެރޭގައި ހިމެނޭ އިސްބޭފުޅުން ބޭއްވި މަޝްވަރާތައް ކޮޅެއްގައި ނުޖެހުނީ މެކްސިކޯ އާއި އެމެރިކާގެ ސަރަހައްދީ ރޮނގު ބަންދުކުރުމަށްޓަކައި ފާރު ނޭރުމަށް ބޭނުންވާ 5 މިލިޔަން ޑޮލަރު އެމެރިކާގެ ފެޑެރަލް ބަޖެޓުން އުނިކުރުމަށް ދޫދެއްވަން ޓްރަމްޕް ބޭނުން ނުވުމުންނެވެ.

މިވާހަކަތަކުގައި ބައިވެރިވެވަޑައިގެންނެވި ޑިމޮކްރެޓިކް ޕާޓީގެ ސެނެޓް އެހެން މެންބަރެއްކަމަށްވާ ޗެކް ޝޫމަރ ވިދާޅުވީ ފާރު ރާނަންބޭނުންވާ ފައިސާގެ މައްސަލަ މަޑުޖައްސާލުމަށްފަހު ފެޑެރަލް ބަޖެޓް ފާސްކޮށްދޭނެކަމުގެ ޔަގީންކަން ޓްރަމްޕަށް ދިނުމުންވެސް އެކަން ޓްރަމްޕް ގަބޫލުނުކުރެއްވި ކަމުގައެވެ.

ވައިޓް ހައުސް އިންވެސްވަނީ މިވާހަކަތައް ނާކާމިޔާބުވިކަން ކަށަވަރުކޮށްދީފައެވެ.

މި ބައްދަލުވުން ބޭއްވީ ޓްރަމްޕާއި ކޮންގްރެސްއާ ދެމެދުގައިވާ ދެބަސްވުންތަކާއެކު އެމެރިކާ ސަރުކާރުގެ ފެޑެރަލް ބަޖެޓް ފާސްނުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ފައިސާ ނުލިބުމުގެ މައްސަލަ ހައްލުކޮށްދިނުމަށް ޓްރަމްޕް ކޮންގްރެސްގެ މެންބަރުންނަށް ގޮވާލެއްވި ގޮވާލެއްވުމަކާ ގުޅިގެންނެވެ. ފެޑެރަލް ބަޖެޓް ފާސްކުރެވޭނީ ކޮންގްރެސްގެ ދެ ގޭގެ އަޣްލަބިއްޔަތުވެސް ލިބިގެންނެވެ. މިދެގޭގެ ތެރެއިން ހައުސްގެ ތަނަވަސް އަޣްލަބިއްޔަތު އޮންނަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ އަށެވެ.

ޓްރަމްޕް ވަނީ އޭނާގެ ފެޑެރަލް ސަރުކާރުގެ ބަޖެޓް ފާސްނުވުމުގެ ސަބަބުން އެމެރިކާ ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ މައްސަލަ ހައްލުކުރުމުގައި އެއްބާރުލުން ދިނުމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ކޮންގްރެސް މެންބަރުންގެ ކިބައިން މިދިޔަ ހަފްތާގައި އެދިވަޑައިގެންފައެވެ.

އައު މާލީ އަހަރު ފެށުނުއިރު އެމެރިކާގެ ފެޑެރަލް ބަޖެޓް ފާސްނުވުމުގެ މައްސަލަ އުފެދުނީ މެކްސިކޯއާއި އެމެރިކާގެ ސަރަހައްދީ ރޮނގު ބަންދުކުރުމަށްޓަކައި އެތަނުގައި ފާރެއް ނޭރުމަށް ބޭނުންވާ 5 ބިލިޔަން ޑޮލަރު ބަޖެޓްގައި ހިމެނުމަށް ޓްރަމްޕް ނިންމެވުމާ ގުޅިގެންނެވެ. ކޮންގްރެސްގެ މެންބަރުންވަނީ ފާރު ރޭނުމަށް ބޭނުންވާ ފަސް ބިލިޔަން ޑޮލަރު ބަޖެޓުން އުނިކުރުމުން ނޫނީ ބަޖެޓް ފާސް ނުކޮށްދެވޭނެ ކަން ޓްރަމްޕަށް އަންގަވާފައެވެ.

މިމައްސަލަ ހައްލުނުވުމުގެ ސަބަބުން އެމެރިކާގެ ފެޑެރަލް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާތާ ދިހަވަރަކަށް ދުވަސްވެފައިވާއިރު މިކަމުގެ ސަބަބުން ފެޑެރަލް ސަރުކާރަށް ލިބެންޖެހޭ ޓެކްސްތައް ނެގޭނެ ގޮތްވެސްވަނީ ނުވެފައެވެ. (ނޫސްއެޖެންސީތައް)