05 Jan 2019, 09:37
ކުޑަކުދިން ބަލަހައްޓާ ހިޔާތައް ހިންގަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސް މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ބަލަހައްޓަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައެވެ. ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝިދާތާ ވިދާޅުވީ އެތަންތަން ހިނގަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.
އެހެންނަމަވެސް މި ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހިޔާ އާމާން ހިޔާ ފިޔަވަތި އަދި ގުރައިދޫ މަރުކަޒުގައިވެސް މަސައްކަތްތައް ބަލާ ރިވިއުކޮށް އެތަންތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަމާޒު ހިފާފައި ވާކަމަށް ޝިދާތާ ވިދާޅުވިއެވެ.
" އަޅުގަނޑުމެން ޔަގީން ކުރާ އެއްކަމަކީ މުވައްޒަފުންގެ ދަތިކަމާއި އެތަނުގެ ހިދުމަތްތައް ސްޓެންޑަޑައިޒް ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ބެލުން،" ޝިދާތާ ވިދާޅުވިއެވެ.

ޖެންޑަ ފެމިލީ އެންޑް ސޯސިއަލް ސާވިސް މިނިސްޓަރު ޝިދާތާ ޝަރީފު -- ފޮޓޯ/ ޖެންޑަ މިނިސްޓްރީ
ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާއަށް ނެގޭ ކުދިންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަން ފާހަގަކޮށް ޝިދާތާ ވިދާޅުވީ އެކުދިންނަށް ދޭން ޖެހޭ ރައްކާތެރިކަން ދެވިގެން އެތަންތަނުގައި ބެލެއްހެއްޓޭ ކުދިން ކަމުގައި ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ކުޑަކުދިންނަށް އަނިޔާ ކުރުމާއި އިހުމާލުގެ މައްސަލަތައް އިތުވަމުންދާތީ ކަންބޮޑުވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ. މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 50 ޕަސެންޓް މައްސަލައަކީ ކުޑަކުދިންނަށް އަނިޔާކޮށްގެން ނުވަތަ އިހުމާލުވެގެން ހުށަހެޅޭ މައްސަލަތައް ކަމަށް ޝިދާތާ ވިދާޅުވިއެވެ.
" ކުޑަކުދިންނަށް ދިމާވާ މިކަހަލަ ކަންކަމުގައި އާއިލާއާއި އަންހެނުންނާއި ވަރަށް ބޮޑަށް ގުޅުން ހުރޭ. އަންހެނުންނަށް ކުރެވޭ އަނިޔާގެ މައްސަލަތައްވެސް އަޅުގަނޑުމެންނަށް ހުށަހެޅޭ އަދަދު މަދެއް ނޫން،" ޝިދާތާ ވިދާޅުވި އެވެ.
ކުޑަކުދިންނަށް އަނިޔާކޮށްގެން 2017 ވަނަ އަހަރު 1372 މައްސަލައެއް ހުށަހެޅުނު އިރު 2018ގެ ނޮވެމްބަރު މަހުގެ ނިޔަލަށް 1174 މައްސަލައެއް ވަނީ ޖެންޑާ މިނިސްޓަރީއަށް ހުށަހެޅިފައެވެ. ޝިދާތާ ވިދާޅުވީ އެއީ ކަންބޮޑުވާ އަދަދެއް ކަމަށެވެ.