03 Oct 2011, 18:00
ޖީއެސްޓީ ނަގަން ފެށުމުން ވަކިލާރިއަށް ބާރުބޮޑުވުމާއި އެކު، ވިޔަފާރިގެތަކަށް ވަކި ލާރި ފޯރުކޮށްދިނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފަށައިފި އެވެ.
ޑައިރެކްޓާ އޮފް ރެވެނިއު ސާވިސަސް ފަތުހު ﷲ ޖަމީލް މިއަދު، ވިދާޅުވީ ޖީއެސްޓީ ނަގަން ފެށުމާ އެކު ވަކިލާރި ނުލިބުމުގެ ޝަކުވާ މެދުކެޑުމެއްނެތި ލިބެމުން ދާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން ވަކި ލާރި މާރުކޮށް، އެ ލާރި ވިޔަފާރިތަކަށް މާދަމާ ދޫކުރަން ފަށާނެ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ވަކި ލާރި އެމްއެމްއޭއިން ގަންނާނީ. މިހާރު އެ ޕްރޮސެސް މި ކުރިއަށް ދަނީ. މިއަދު ނޫނީ މާދަމާ އެކަން ފައްޓާނަން. ފިހާރަތަކުން އަޅުގަނޑުމެން އަތުން ވަކި ލާރި ބައްލަވައިގަންނަވަން ޖެހޭނީ،" ފަތުހުﷲ ވިދާޅުވި އެވެ.
ޖީއެސްޓީ ނަގަން ފެށުމުން ބާކީ ދިނުމާއި ޖީއެސްޓީދެއްކުމުގައި ވަކި ލާރީގެ މުހިންމުކަން ވަނީ ބޮޑުވެފަ އެވެ. އާންމު ގޮތެއްގައި 50 ލާރިން ދަށުގެ ވަކިލާރި ވިޔަފާރީގެ މުއާމަލާތްތަކުގައި ފަހަކަށް އައިސް ބޭނުމެއްނުކުރެ އެވެ.
ފަތުހު ﷲ ވިދާޅުވީ ވަކި ލާރި ސަޕްލައިކޮށްދިނުމުގައި 50 ލާރިން ދަށުގެ ލާރި ފިހާރަތަކަށް ފޯރުކޮށްދިނުމަށް އިސްކަން ދެއްވާނެ ކަމަށެވެ.
"މާރު ކުރާއިރު އަޅުގަނޑުމެން މި ބަލަނީ ވީހާވެސް ގިނައިން 50 ލާރިން ދަށުގެ އަދަދުތައް ފޯރުކޮށްދިނުމަށް. އެއީ އެ އުދަނގުލީ ހޯދަން،" ފަތުހުﷲ ވިދާޅުވި އެވެ.
މީރާއިން ބުނީ ލާރި ބޭނުންވެގެން އެ އޮތޯރިޓީއަށް އަންނަ ފަރާތްތަކަށް ލާރި ފޯރުކޮށްދިނުމުގެ އިތުރުން މީރާގެ އޮފިޝަލުން ފިހާރަތަކަށް ޒިޔާރަތްކޮށް ލާރި މާރުކުރާނެ ކަމަށެވެ.
ވަކި ލާރި ލިބުން ތާށިވުމުން ބައެއް ފިހާރަތަކުން ޖީއެސްޓީ ރައުންޑް އޮފްކޮށް އެއް ރުފިޔާއަށް ހަދާ ޖީއެސްޓީ އަންނަނީ ނަގަމުންނެވެ.