04 Jan 2019, 13:53
ގދ. ތިނަދޫއާއި އެއަތޮޅު ވާދޫއަށް ބޯކޮށް ވާރޭ ވެހި ގެތަކަށް ގެއްލުން ވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، އެ ދެ ރަށަށްވެސް ވާރޭ ވެހެން ފެށީ ރޭ އެގާރަ ގަޑި ބައިކަންހާއިރު ކަމަށެވެ. އަދި އޭގެ ތެރެއިން ތިނަދޫއަށް ރެއިން ފެށިގެން މެދުނުކެނޑި 08 ގަޑިއިރު ވަންދެން ވަނީ ބޯކޮށް ވާރޭ ވެހިފައެވެ. އަދި ވާދޫއަށް މިހާރުވެސް ދަނީ ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރަމުންނެވެ.

ފެން ވަނުނަނުދޭން ތިނަދޫގެ ގެއެއްގައި ބަސްތާތައް ޖަހާފައި---
ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަސްއަދު ވިދާޅުވީ އެ ހާދިސާގައި އެރަށުގެ ގިނަ އަދަދެއްގެ ގޭގައި ފެން ބޮޑުވެފައިވާ ކަމަށެވެ.

ބޯކޮށް ވިއްސާރަކޮށް ތިނަދޫގައި ފެން ބޮޑުވެފައި---
" 36 ގެޔަކަށް ފެންވަދެފައި ވަނީ. ހިފާ ގެންގުޅޭ އެއްޗެތި ތަކަށް ގެއްލުން ލިބުނު. މިހާރު އެމްއެންޑީއެފްއިން ދަނީ ޕަމްޕު ޖަހައިގެން ފެން ހިއްކަމުން. ދެން ކުދި ޕަމްޕް ނެތީމާ ގޭތެރެއިން ފެން ހިންދަން ވަރަށް އުނދަގޫ،" އަސްއަދު ވިދާޅުވިއެވެ.
ވާދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުހައްމަދު އިބްރާހިމް ވިދާޅުވީ އެ ހާދިސާގައި ފެން ބޮޑުވެ ބައެއް ގޭގޭގައި ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ފެންބޮޑުވެ ވާދޫގެ ގެއަކަށް ފެން ވަދެފައި---
" ފެންބޮޑުވެ ކަރަންޓްގެ ތަކެއްޗާ އަދި ބެޑް ރޫމް ސެޓްތަކަށް ވަނީ ގެއްލުން ވެފައި. ދެން ގޭގެއިން ފެން ހިންދޭނެ ގޮތެއް ނެތް. ޕަމްޕް ޖަހައިގެން ގޭގެއިން މޫދަށް ފެން ބޭރުކުރެވާނެހާ ދިގު ހޮޅިއެއް ނެތް. " މުހައްމަދު ވިދާޅުވިއެވެ.