03 Oct 2011, 17:41
ޒަމާނާ އެއްގޮތަށް މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 10 ބުރީގެ އޮލިމްޕިކް ހައުސް ޑިޒައިންގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ އާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޓެކްޓޮން ޑިޒައިންއާ ރޭ ސޮއިކޮށްފި އެވެ.
މޮންސޫން ރެސްޓޯރެންޓްގައި ރޭ އޮތް ހަފުލާގައި ޓެކްޓޮންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އަލީ ޝަރީފެވެ. އަދި އޮލިމްޕިކް ކޮމެޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް އިބްރާހިމް އިސްމާއިލެވެ.
އޮލިމްޕިކް ހައުސްގެ މަސައްކަތް ނިމޭއިރު އެ އިމާރާތުގައި އޮލިމްޕިކް ކޮމެޓީގެ އޮފީހަކާއި ލައިބްރަރީ އެއްގެ އިތުރުން މިއުޒިއަމަކާއި ސެމިނާ ރޫމްތަކެއް ހިމެނެ އެވެ. އަދި ބުޓީކް ހޮޓަލެއްގެ އިތުރުން ކެފޭއަކާއި ރެސްޓޯރަންޓެއް ހިމެނެ އެވެ.
ދިހަ ބުރީގެ އޮލިމްޕިކް ހައުސް މާލޭގައި އެޅުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ޕޮލިޓެކްނިކް ހިންގާ އިމާރާތާ އިންވެގެން އޮތް ހުސް ބިމުގައެވެ.