03 Jan 2019, 16:59
ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަމުގެ މަގާމުން އަހުމަދު އުޝާމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ޑެޕިއުޓީ އޭޖީގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އިއްޔެ ވަނީ ޚަދީޖާ ޝަބީން އައްޔަން ކުރައްވާފައެވެ.
ޚަދީޖާ ޝަބީން މަގާމަށް އައްޔަން ކުރި ނަމަވެސް އުޝާމް މަގާމުން ވަކި ކޮށްފައެއް ނުވެއެވެ. އުޝާމް "ސަން" އަށް ވިދާޅުވީ، އޭނާ މަގާމުން އިސްތިއުފާ ދެއްވީ ރައީސް އޮފީހުގެ އެދުމުގެ މަތިން ކަމަށެވެ.
"ރައީސް އޮފީހުން އެންގެވީމަ އިސްތިއުފާ ދިނީ،"
އޭނާ އިތުރަށް ވިދާޅުވީ، މީގެ ކުރިންވެސް އިސްތިއުފާ ދެއްވަން ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް އޭރު އިސްތިއުފާ ނުދެއްވައި މަޑު ކުރެއްވުމަށް ރައީސް އޮފީހުން އެދުނީ ކަމަށް އޭނާ ބުންޏެވެ.
"މި ހުރިހާ ދުވަހުވެސް އަޅުގަނޑު މަޑުކޮށްގެން އިސްތިއުފާ ނުދޭން ރައީސް އޮފީހުން އަންގާފައި އޮތީމަ. އަޅުގަނޑު ކުރިންވެސް އިސްތިއުފާ ދޭން ހުށަހެޅިން. ހުށަހެޅީމަ ރައީސް އޮފީހުން ވިދާޅުވީ މަޑުކޮއްލަދޭށޭ،" އޭނާ ވިދާޅުވިއެވެ.
އުޝާމް އޭޖީ އޮފީހުން ވަކިވެވަޑައިގަތީ އެ އޮފީހުގައި ނުވަ އަހަރު މަސައްކަތް ކުރެއްވުމަށް ފަހުއެވެ. އޭނާ އެންމެ ފުރަތަމަ އޭޖީ އޮފީހުގައި މަސައްކަތް ކުރެއްވީ ޑެޕުއިޓީ ސްޓޭޓް އެޓާނީއެއްގެ ގޮތުގައެވެ. 2013 ވަނަ އަހަރު ޑެޕިއުޓީ އޭޖީއަކަށް އައްޔަން ކުރި އުޝާމް ވަނީ އެ މަގާމުގައި ފަސް އަހަރާއި ބައި ހޭދަ ކުރައްވާފައެވެ.