03 Jan 2019, 15:39
ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރެއިން މާލޭގައި ކަނޑައެޅޭ މަގުތަކެއް ހުކުރު ދުވަހު ހެނދުނު ބަންދުކޮށް، އާއިލާއާއި ކުޑަކުދިންނަށް ޖަޒީރާ މާހައުލެއް ހޯދައިދިނުމުގެ ގޮތުން މާލެއިން 13 މަގެއް ބަންދުކުރާގޮތަށް ނިންމައިފިއެވެ.
އެ 13 މަގުތަކުގެ ތެރޭގައި , ދޭލިޔާ ހިންގުން , މޫނިމާ ހިންގުން, ސިޓީ ޕާކުގެ ދެކުނަށް އޮތް ގޯޅި, ޑެއިޒީ މަގު, ދެވީނާ މަގު, ވައިދެރި ހިންގުން, ބެންތެޔޮ ގޯޅި, އަސުރުމާ ގޯޅި, ފަޑިޔާރު މަގު, ކާނޭޝަން މަގު, ކުޅި ދޮށު މަގު, ހިލާލީ މަގު, މަޖީދީ މަގު ހިމެނެއެވެ. އެ މަގުތައް ބަންދުކުރުމަށް ނިންމާގައިވަނީ ހެނދުނު 06:30 އިން 10:30 އަށެެވެ.
އެކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ފުރަތަމަ 13 މަގެއް ބަންދުކުރަން ނިންމި ނަމަވެސް އެކަމަށް ލިބޭޭ ތާއިދު ބެލުމަށްފަހު އެކަން އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.
" މިކަން ރަސްމީކޮށް ފަށާނީ ޖެނުއަރީ 12 ވާ ހުކުރު ދުވަހު. އަޅުގަނޑުމެން މިކަމަށްޓަކައި އުސޫލެއް ކަނޑައެޅިފައި މިވަނީ. މިއުސޫލު ގެޒެޓް ކުރެވޭނި މިހަފްތާ ތެރޭގައި،" ޝާމިން ވިދާޅުވިއެވެ.
އެ އުސޫލުތަކަށް އަލި އަޅުވާލައި ހައުސިންގެ ޑެޕިއުޓީ މިނިސްޓަރ ޒުހުރުﷲ ސިޔާދް ވިދާޅުވީ ބަންދުކުރާ މަގުތަކުގައި ބައިސްކަލުދުއްވުމާއި، ސްކޭޓް ކުރުމާއި ކުޑަކުދިންގެ ކުޅިވަރުތައް ކުޅެވޭނެ ކަމަށެވެ. އެހެންނަމަވެސް އަޑުގަދަކޮށްގެން ހަރަކާތްތައް ހިންގުމާއި، މުބާރާތްތަކެއް ނުބޭއްވޭނެކަމަށް ޒުހުރުﷲ ވިދާޅުވިއެވެ.
އެ މަގުތައް ބަންދުކުރުމުގެ މަސައްކަތް ކުރުމަށް ހަަމަޖެހިފަިއވަނީ ސީދާ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓްގެ ހެޑް ފާތިމަތު ނަޝްވާ ވިދާޅުވީ، ބަންދުކުރާ ސަރަަހައްދުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެ ސަރަހައްދުތަކުގައި ފުލުހުން އަބަދުވެސް ރަކާތްތެރިވާނެކަމަށެވެ.