03 Jan 2019, 15:15
ބޭރު ގައުމުތަކުން ފަތުރުވެރިން ގޮވައިގެން އަންނަ ކްރޫޒްލައިނަރތަކަށް މާލެ ކައިރީގައި ބަނދަރު ކުރެވޭ ގޮތް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިދީފިއެވެ.
ކުރިން ރާއްޖެއިން ބޭރުން އަންނަ ކްރޫޒްލައިނަރތަކަށް ބަނދަރު ކުރުމުގެ ހުއްދަ އޮންނަނީ މާލެއާ ދެ ނޯޓިކަލް މޭލު ދުރުންނެވެ. އެހެން ކަމުން ފަތުރުވެރިން މާލެ ގެނައުމަށް ވަނީ ދަތިވެފައެވެ. އެކަމުގެ ޝަކުވާ ކްރޫޒްލައިނަރތަކުން ވަނީ ޓޫރިޒަމް މިނިސްޓްރީއާ ހިސާބަށް ގެންގޮސްފައެވެ.
އިއްޔެ ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ އެ ފަރާތްތަކުގެ ޝަކުވާ މިނިސްޓްރީއާ ހިސާބަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ކްރޫޒްލައިނަރތަކަށް ބަނދަރު ކުރެވޭ ދުރުމިން 0.6 ނޯޓިކަލް މޭލަށް ބަދަލުކޮށްދީފައިވާ ކަމަށެވެ.
ކްރޫޒްލައިނަރުތައް މާލެއާ ކަރީގައި ބަނދަރު ކުރެވޭ ގޮތް ހަދައިދީފައިވާ އިރު ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައިވެސް މާލެ ކައިރީގައި ކްރޫޒްލައިނަރތަކެއް ބަނދަރު ކުރިއެވެ.