ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އެއް ހަމަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މި އަހަރު ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މި އަހަރު ފިނޭންސް މިނިސްޓްރީން ކުރަން ނިންމާފައިވާ މުހިންމު ކަންތައްތައް ހާމަ ކުރުމަށް އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަށް ޓަކައި ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު މުރާޖަޢާކޮށް، މުސާރަތައް އެއްހަމަ ކުރުމަށް މި އަހަރު ނިންމާފައިވާ ކަމަށެވެ.

އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ސަރުކާރުގެ ކުންފުނިތަކާ ގުޅޭ އެހެން ބަދަލުތަކެއް ގެންނާނެ ކަން ވެސް ހާމަ ކޮށްފަ އެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން ބުނީ 1960 ވަނަ އަހަރުން ފެށިގެން އުފެދިފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރަމުންދާ މަސައްކަތާއި އޭރު ކުންފުނި އުފެއްދި މަގުސަދުތަކާއި ފުށޫއެރުންތަކެއް އެބަހުރި ކަމަށާއި އެހެންކަމުން މި އަހަރުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުތައް މުރާޖާކުރުމަށް ފަހު، މިހާރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އިސްލާހުކުރުމުގެ މަސައްކަތްކުރާނެ ކަމަށެވެ.

އޭގެ އިތުރުން މި އަހަރު ކުންފުނިތަކުގެ ޕާފޯމަންސަށް ބަލައި ކުންފުނިތައް ގިންތި ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަދި ސަރުކާރު ކުންފުނިތަކުން އަމަލުކުރުމަށް ޓަކައި އޯއައިއީސީޑީ މިންގަނޑަށް ފެތޭ ކޯޕަރޭޓް ގަވަރަނަންސް ކޯޑެއް ތައްޔާރުކުރާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން، ކުންފުނިތަކުގެ މައުލޫމާތުތައް ޕީސީ ބޯޑުން ފަސޭހައިން ހޯދުމަށާއި ކުންފުނިތަކުގެ މައުލޫމާތު ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ޓަކައި ޕީސީ ބޯޑުގެ ޑޭޓާ ބޭސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް، ކުންފުނިތަކުގެ ރިކޯޑް ބެލެހެއްޓުމުގެ އަމަލީ މަސައްކަތް ވެސް މި އަހަރުގެ ފަށާނެކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.