ޖުޑިޝަރީ އަދި ޖުޑިޝަލް ސާވިސް ކޮމިޝަން އިސްލާހު ކުރުމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް އޮފީހާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ޖުޑިޝަރީ އަދި ޖޭއެސްސީ އިސްލާހު ކުރުމަށް ފިޔަވަޅުތައް އަޅަން ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.

ސަރުކާރުން 30 ދުވަހުގެ ތެރޭގައި ކޮށްފައި މަސައްކަތްތަކާ ގުޅޭ ގޮތުން މައުލުމާތު ދިނުމަށް ރައީސް އޮފީހުގައި ދެއްވި ޕްރެޒެންޓޭޝަނަށް ފަހު އެ އޮފީހުގެ ޕޮލިސީ ސެކެޓްރީ އައިމިނަތު ޝައުނާ ވިދާޅުވީ، ޖުޑިޝަރީ އާއި ޖޭއެސްސީ އިސްލާހު ކުރުމުގެ މަސައްކަތަކީ 30 ދުވަހުގެ ތެރޭގައި ކުރެވޭނެ ވަރަށް ވުރެ ބޮޑު މަސައްކަތެއް ކަމަށެވެ.

"އެކަން ކުރަންވާނީ ރަނގަޅަށް. އެކަން ކުރަންވާނީ މަޝްވަރާ ކުރެވިގެން ކަމަށް އަޅުގަނޑުމެން ދެކެނީ،" ޝައުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މަސައްކަތް ކުރުމަށް ބޭނުންވާ ދިރާސާތައް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތަކީ މަޝްވަރާތަކާ އެކު ކުރެވޭވެ މަސައްކަތެއް ކަމަށާއި، ބޭރުގެ ޖަމިއްޔާތަކާ ޖަމާއަތްތަކުން ދެވޭ ލަފާއަށްވެސް އެކަމުގައި ބަލާނެ ކަމަށެވެ.

"ތީވެސް ވަރަށް ބޮޑަށް މަޝްވަރާކޮށްގެން ކުރަންޖެހޭ ކަމެއް ކަމުގައި ވާތީ މިހާރުވެސް އެޓާނީ ޖެނެރަލް އޮފީހުން އެ މަޝްވަރާތައް ކުރިއަށް އެބަ ގެންދޭ،" ޝައުނާ ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލްގެ އިތުރުން، ފަނޑިޔާރުންނާއި ވަކީލުންނާއި އަދި އެހެނިހެން ކަމާ ގުޅޭ ފަރާތްތަކާވެސް މަޝްވަރާ ކުރާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.

"ވަކީލުންނާވެސް ފަނޑިޔާރުންނާވެސް ރާއްޖޭގެ ތަަރައްގީގެ މަސައްކަތް ކުރާ ފަރާތްތަކާ އެކުގައިވެސް ވާހަކަ ދެކެވޭނެ،"

ޝައުނާ ވިދާޅުވީ، ރައީސް ޞާލިހުގެ ފަސް އަހަރުގެ ދައުރު ނިމިގެންދާ އިރު އިންސާފު ގާއިމް ކުރެވޭނެ ނިޒާމެއް އެކުލަވާލެވޭނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އިންސާފު ފަސް އަހަރު ނިމިގެންދާ އިރުގައި އިންސާފު ގާއިމް ކުރެވޭނެ ފަދަ ނިޒާމެއް އަޅުގަނޑުމެންނަށް ގާއިމް ކުރެވޭނެ. އެ ފައުންޑޭޝަން މަސައްކަތްތައް މިހާރު މި ކުރެވެމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

ޖުޑިޝަރީ އަދި ޖޭއެސްސީ އިސްލާހު ކުރަން މަޝްވަރާ ކުރާ ކަމަށް ރައީސް އޮފީހުން ބުނެފައިވާ އިރު، މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ދާދި ފަހުން ވަނީ ކްރިމިނަލް ކޯޓަށް ބޮޑެތި ތުހުމަތުތަކެއް އަމާޒު ކޮށްފައެވެ. އޭނާ ވިދާޅުވީ، ކޯޓުން ބައެއް މައްސަލަތައް ނިންމަނީ ވަކި ފަރާތަކަށް ޖެހިގެން ކަމަށެވެ.

އޭގެ އިތުރުން، ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގުތަކުގެ ނުފޫޒު އޮންނަ ކަމަށްވެސް ސުއޫދު ވަނީ ވިދާޅުވެފައެވެ. އަދި ބައެއް ފަނޑިޔާރުންގެ ސެކިއުރިޓީގެ ގޮތުގައި ގޭންގުތަކުން ހަރަކާތްތެރިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ވާހަކަތައް ކްރިމިނަލް ކޯޓުން ދޮގުކޮށްފައިވާ އިރު އެކަން ބަލަން ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.