03 Jan 2019, 13:41
މިދިޔަ އަހަރު ނިމުނު އިރު ސިވިލް ކޯޓުގައި ރެޖިސްޓްރީ ކުރި މައްސަލަތަކުގެ ތެރެއިން 1783 މައްސަލަ ނުނިމި އޮތް ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއަދު އާންމު ކުރި ސިވިލް ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު އެ ކޯޓަށް ވަނީ 4982 މައްސަލައެއް ހުށަހަޅައިފަ އެވެ. އޭގެ އިތުރުން 2017 ވަނަ އަހަރު ނިމުނު އިރު ނުނިމި އޮތް 1212 މައްސަލައެއް ވެސް ކޯޓުގައި އޮތެވެ. އެ ހުރިހާ މައްސަލަތަކުގެ ތެރެއިން 2018 ވަނަ އަހަރު ސިވިލް ކޯޓުން ނިންމާފައި ވަނީ 4361 މައްސަލަ އެވެ.
އެހެން ކަމުން 2018 ވަނަ އަހަރު ނިމުނު އިރު 1783 މައްސަލަ ކޯޓުގައި ނުނިމި ބާކީ އެބަ އޮތެވެ. ނަމަވެސް، ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވަނީ ހަތަރު މައްސަލަ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށް ބަލާ އިރު އެ ޑިވިޝަނަށް މިދިޔަ އަހަރު 190 މައްސަލައެއް ހުށަހެޅުނެވެ. އޭގެ އިތުރުން 2017 ނުނިމި އޮތް 44 މައްސަލައެއް ވެސް އެ ޑިވިޝަންގައި އޮތެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ޑިވިޝަނުން ވަނީ 164 މައްސަލައެއް ނިންމައިފަ އެވެ. އެ ޑިވިޝަންގައި ނުނިމި ބާކީ ހުރި މައްސަލަތަކުގެ ތެރެއިން އެއް އަހަރު ވެފައި އޮތީ އެންމެ ދެ މައްސަލަ އެވެ.
ސިވިލް ކޯޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަ ނިމިފައި ވަނީ ޑިސްޕިއުޓް ރިޒޮލޫޝަން އިންނެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް މިދިޔަ އަހަރު 3185 މައްސަލަ ހުށަހެޅުނު އިރު، 1،819 މައްސަލައެއް ވަނީ ޝަރީއަތަށް ނުގޮސް ނިންމައިފަ އެވެ. އެއީ ސިވިލް ކޯޓުން ނިންމި މައްސަލަތަކުގެ 53.16 ޕަސެންޓެވެ.
މިދިޔަ އަހަރު ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުން 1،819 މައްސަލައެއް ހައްލު ކުރި އިރު 2017 ވަނަ އަހަރު އެ ޑިވިޝަނުގެ ތެރެއިން ހައްލު ލިބިފައި ވަނީ 1277 މައްސަލަ އަށެވެ.
ސިވިލް ކޯޓުން ބުނީ އެ ކޯޓުގެ މި އަހަރުގެ އަމާޒަކީ މި އަހަރު ނިމޭ އިރު އެ ކޯޓުގައި އެއް އަހަރު ވެފައިވާ އެއްވެސް މައްސަލައެއް ނުބޭއްވުމާއި ހުށަހެޅޭ މައްސަލަތަކާ އެއް މިންވަރަށް މައްސަލަތައް ނިންމުން ކަމަށެވެ.