ކަސްޓަމްސްއިން މިހާރު ލިބެންހުރި އަދި ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އަވަސް ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކަސްޓަމްސްއިން ކުރަން ރާވާފައިވާ ކަންތައްތަކާ ގުޅޭގޮތުން ކަސްޓަމްސްގައި މިއަދު ނޫސްވެރިނަށް މައުލޫމާތުދެމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނޫމާން ވިދާޅުވީ ރާއްޖޭގެ ވިޔަފާރި މާހައުލު ފުޅާކުރުމަށް ކަސްޓަމްސްގެ ދައުރު ބޮޑު ކަމަށެވެ.

"ހިދުމަތް އަވަސްކުރުމުގެ ގޮތުން ކަސްޓަމްސްގެ އިންސާނީ ވަސީލަތުގެ ފެންވަރާއި މަސައްކަތުގެ ޝައުގުވެރިކަން އިތުރުކުރުމާއި ނަޒާހާތްތެރިކަން އިތުރުކުރާނަން،"

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސިޔާސަތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިފުޅާކުރުމަށް ނިންމާފައިވާއިރު ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އޮންލައިން ވިޔަފާރިތަކާއި އޭގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެފަދަ ކަންތައްތައް ފުޅާކޮށް ދިމާވާ ހުރަސްތަކަކީ ކޮބައިތޯ ބެލުމަށްފަހު އެ ހުރަސްތައް ކޮންޓްރޯލްކުރެވިގެންދާނެ. އަދި ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އަވަސް ހިދުމަތެއް ދެވޭނެ،"

ނޫމާން ނޫސްވެރިންނަށް މައުލޫމާތު ދެނީ-- ފޮޓޯ/ އަހުމަދު އަވްޝަން

މީގެ އިތުރުން އިމްޕޯޓް އެކްސްޕޯޓް ކްލިއަރެންސް މަރުހަލާ މިހާރަށްވުރެ ލުއިފަސޭހަކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކަސްޓަމްސްއިން ފައިސާ ރިފަންޑް ކުރަންޖެހޭ ހާލަތްތަކުގައި ވީހާވެސް އަވަސް އަދި ލުއިފަސޭހަކޮށް އެ ފައިސާ އަނބުރާ ރައްދުކުރެވޭނޭ އިންތިޒާމު ހަމަޖެއްސުމާއެކު ހިދުމަތްތަކަށް ސިޓީއިން އެދުމުގެ ބަދަލުގައި ބޭނުންކުރާނެ ސްޓޭންޑަޑް އެޕްލިކޭޝަން ތައާރަފްކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނޫމާން އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ގާނޫނާ ގަވާއިދާ ހިލާފު ތަކެތި ރާއްޖެއަށް އެތެރެވުމާއި ބޭރުވުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްގެ ކޮންޓްރޯލް މިހާރަށްވުރެ ހަރުދަނާކުރާނެ ކަމަށެވެ.

"އެއާކާގޯ ސަރަހައްދުގައި ކޮންޓްރޯލް ވަރުގަދަކޮށް ވަދެނިކުމެވާ ފަރާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ނިޒާމް ހަރުދަނާކުރާނަން،"

މީގެ އިތުރުން ކަސްޓަމްސްގެ އޮފީސްތަކާއި އޮފީސްތައް ހިމެނޭ ސަރަހައްދު ތިމާވެއްޓާ ރައްޓެހި އަދި ފެހި ތަންތަނަށް ހެދުމާއި ކަސްޓަމްސްގެ މުވައްޒަފުންނަކީ ތިމާވެއްޓަށް އަހުލުވެރި ބަޔަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ނޫމާން ވިދާޅުވިއެވެ.

"މުވައްޒަފުންނަށް ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ރޭވިފައި،"

ނޫމާން އިތުރަށް ވިދާޅުވީ ހިދުމަތްތަކާބެހޭ މައުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށްޓަކާ ކަސްޓަމްސްގެ ވެބްސައިޓް ދިވެހި ބަހުން ފަރުމާކުރުމަށް ނިންމާފައިވާ ކަމަށެވެ.