03 Jan 2019, 12:36
ދުވަސްތަކަކަށް ފަހު، އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރި ހެލިކޮޕްޓަރުތައް އަނެއްކާ ވެސް ބޭނުން ކުރަން ފަށައިފި އެވެ.
އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރީ ދެ ހެލިކަޕްޓަރެވެ. އެމްއެންޑީއެފްގެ އެކި ބޭނުންތަކަށް އަދި ހާލު ދެރަ ބަލި މީހުން ރަށްރަށުން މާލެ ގެނައުމަށް ބޭނުން ކުރަމުން އައި އެ ހެލިކޮޕްޓަރުތައް ބޭނުން ކުރުން ރައީސް ޔާމީންގެ ސަރުކާރުގެ ފަހުކޮޅުގައި ވަނީ ހުއްޓާލައިފަ އެވެ.
އެހެން ނަމަވެސް މިއަދު އެމްއެންޑީއެފް އިން ބުނީ، ޅ. ކުރެންދޫގައި އޮތް ހާލު ދެރަ ބަލި މީހަކު އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެންނަން ދަތުރު ފައްޓާފައިވާ ކަމަށެވެ. ހެލިކޮޕްޓަރު އުސްފަސްގަނޑު ހެލިޕެޑުގައި ލޭންޑު ކުރާނީ މެންދުރު 12:50 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެފަދަ ކަމަކަށް ހެލިކަޕްޓަރު ބޭނުން ކުރާ ފުރަތަމަ ފަހަރެވެ.
އެއް ހެލިކޮޕްޓަރު 2010 ވަނަ އަހަރު އަދި އަނެއް ހެލިކޮޕްޓަރު ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެ އަށް "ހަދިޔާ" ކުރީ ވަކި މުއްދަތެއްގެ ތެރޭގައި ދިވެހިން ތަމްރީންކުރުމަށް ޝަރުތުކޮށެވެ. ނަމަވެސް އެއް ހެލިކޮޕްޓަރު ބޭނުން ކުރާތާ އަށް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ދެ ހެލިކޮޕްޓަރު ވެސް ދުއްވަނީ އިންޑިއާ ސިފައިންނެވެ. އަދި ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް މަދުވެގެން 40 އަށް ވުރެ ގިނަ އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.