ކުރިން އެންގުމަކާ ނުލައި ޖަލުތަކުގެ ހާލަތު ބަލަން ޖަލުތަކަށް ޒިޔާރަތް ކުރާނެ ކަމަށް ޖަލުތަކުގެ އޮޑިޓް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ޑިސެމްބަރު 18 ވަނަ ދުވަހު އެކުލަވާލި ޖަލުތަކުގެ އޮޑިޓް ކޮމިޝަނަކީ ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި، އިސްލާހުކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް ހެދުމަށް އެކުލާލި ކޮމިޝަނެކެވެ.

މިއަދު އެ ކޮމިޝަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ހާމަ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ މެމްބަރު އަހްމަދު އަބްދުލްކަރީމް ވިދާޅުވީ، ކޮމިޝަނުގެ މަސައްކަތް ކުރިއަށް ދަނީ ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ.

އޭނާ ވިދާޅުވީ، އޭގެ ތެރެއިން ފުރަތަމަ މަސައްކަތް ކޮށްފައި ވަނީ ދާއިރާއާ ގުޅުން ހުރި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކޮށް، އެއްބާރުލުން ހޯދައި އެ ބޭބޭފުޅުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ކަމަށް ކަމަށެވެ. އެގޮތުން ވަރަށް ގިނަ ފަރާތްތަކާ ބައްދަލު ކޮށްފައިވާ ކަމަށާއި އެ މަރުހަލާ މިހާރު ނިންމާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އިތުރު މައުލޫމާތު ހޯދަން ޖެހިއްޖެ ނަމަ އަދިވެސް އެ ބޭބޭފުޅުންނާ ބައްދަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ، ކޮމިޝަނުން ކަމާ ބެހޭ އެންމެހާ ގާނޫނުތަކާއި ގަވާއިދުތަކާއި، ބައިނަލްއަގްވާމީ މުއާހަދާތައް ބަލައި ދިރާސާ ކުރާނެ ކަމަށެވެ. އަދި ބޭރުގެ ގައުމުތަކުން އެފަދަ ޖަލު އޮޑިޓްތައް އެކުލަވާލާފައިވާ އިރު ސަރުކާރަށް ލަފާ އަރުވާފައިވާ ގޮތްތައް ބަލައި ދިރާސާ ކުރާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.

އޭގެ އިތުރުން، ތިންވަނަ ކަމަކީ އާންމު ފަރާތްތަކަށް ކޮމިޝަނަށް މައުލޫމާތު މައުލޫމާތު ދިނުމަށް ހުޅުވާލުން ކަމަށް އަހުމަދު ވިދާޅުވި އެވެ. އިއްޔެ އެ ކޮމިޝަނަށް މައުލޫމާތު ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން މައުލޫމާތު ހިއްސާ ކުރެވުމަށް ހުޅުވަލެވިފައި ވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ޖަލު އޮޑިޓް ކޮމިޝަނުގެ މެމްބަރު ޝަހިންދާ އިސްމާއިލް މިއަދު ވިދާޅުވީ، މައުލޫމާތު ހިއްސާ ކުރަން ހުޅުވާލުމުގެ އިތުރުން ޖަލުގައި އަނިޔާ ތަހައްމަލު ކޮށްފައި ތިބި ފަރާތްތަކާއި ގައިދީންގެ އާއިލާތަކާ ކޮމިޝަނުން ބައްދަލު ކުރާނެ ކަމަށެވެ. ޝަހިންދާ ވިދާޅުވީ، އެގޮތަށް މަސައްކަތް ކުރި ނަމަވެސް ކޮމިޝަނުގެ އަމާޒަކީ ތަހުގީގުތަކެއް ހިންގުން ނޫން ކަަމަށެވެ.

"އެގޮތަށް ލިބޭ މައުލޫމާތަކީ މި ހުރިހާ ކަންކަމެއް ބެލުމުގެ ތެރެއަށް ބޭނުން ކުރާނެ އިތުރު މައުލޫމާތު. ޝަކުވާ ހުށަހަޅައިގެން އަޅުގަނޑުމެން ތަހުގީގުތަކެއް ކުރަނީކީއެއް ނޫން،"

ކޮމިޝަނުން ކުރާ މަސައްކަތުގެ ހަތަރު ވަނަ މަރުހަލާގެ ގޮތުގައި އެ ކޮމިޝަނުގެ މެމްބަރު އަހުމަދު ފާހަގަ ކުރެއްވީ، ޖަލުތަކަށް ޒިޔާރަތް ކޮށް، ގައިދީންނަށް އަސާސީ ކަންތައްތައް ފޯރުކޮށްދޭތޯ ބެލުމެވެ. އޭނާ ވިދާޅުވީ، ޖަލުގައި ކެއިން ބުއިން ފޯރުކޮށްދޭ ގޮތާއި، އެތަނުގައި ޖާގައިގެ ދަތިކަން ހުރިތޯ އާއި ސިއްހީ ފަރުވާ އާއި ސާފުތާހިރުކަން ފަދަ ކަންކަން ބައްލަވާނެ ކަމަށެވެ.

"މި ޒިޔާރަތްތައް ކުރާ އިރު އަޅުގަނޑުމެން ނިންމާފައި މި އޮތީ، ކުރިން އެންގުމަކާ ނުލައިވެސް ބައެއް ޒިޔާރަތައްތައް ކުރަން،" އަހުމަދު ވިދާޅުވި އެވެ.

މިއަދު އަހުމަދު ވިދާޅުވީ، ކޮމިޝަނުން ޖަލުތައް ބަލާއިރު ޖަލުތަކުގެ ކަންކަން ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭތޯ ބަލާނެ ކަމަށެވެ. އަދި ޖަލުގައި ގައިދީން މަރުވުމާ ސިއްހީ ފަރުވާ ލަސްވާ ސަބަބުތައް ބަލާނެ ކަމަށް ވިދާޅުވި އެވެ. ބަންދުކޮށްފައި ތިބޭ މީހުންނާ މެދު އަމަލު ކުރާ ގޮތްތަކާއި، ގައިދީން ޖަލުން އަނބުރާ އިސްލާހުވެގެން މުޖުތަމައުގެ ތެރެއަށް ގެނެވޭނެ ގޮތްތައް ބަލާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ކަރެކްޝަންސްގެ ވަސީލަތްތަކުގެ މައްސަލަތައް ހުރިތޯ އާއި އެ ތަނުގެ މުވައްޒަފުންގެ ކަންކަން ވެސް ކޮމިޝަނުން ބަލާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.

ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެގެ ތެރޭގައި ހިމެނޭ ކަމެކެވެ.