03 Jan 2019, 11:21
ރައީސް އޮފީހުގެ ސިޔާސީ މަގާމުތަކުގެ ތިއްބެވި ހުރިހާ ބޭފުޅުން މާލީ ބަޔާން އަންނަ ހަފްތާގެ ތެރޭގައި އާންމު ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ 100 ދުވަހުގެ ވައުދުތައް ހާސިލު ކުރުމަށް ކޮށްފައިވާ މަސައްކަތާ ގުޅޭ ގޮތުން ނޫސްވެރިންނަށް ދިން ޕްރެޒެންޓޭޝަނެއްގައި ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ އައިމިނަތު ޝައުނާ ވިދާޅުވީ، އަންނަ ހަފްތާގެ ތެރޭގައި ރައީސް އޮފީހުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރައްވާނެ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ، ރައީސުލްޖުމްހޫރިއްޔާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަދި ވަޒީރުންނާއި މި އޮފީހުގެ ސިޔާސީ މުވައްޒަފުންގެ މާލީ ބަޔާން އަންނަ ހަފްތާގެ ތެރޭގައި އާާންމު ކުރާނަން،" ޝައުނާ ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ މާލީ ބަޔާން ވެސް ކުރިއަށް އޮތް ތަނުގައި އާންމުންނަށް ފެންނާނެ ގޮތަށް އާންމު ކުރާނެ ކަމަށެވެ.
ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދެކެވެ.