03 Oct 2011, 17:30
ސ. ހިތަދޫގައި ވާގިނެތިފައި އޮތް މުސްކުޅި އަންހެންނަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި އޭނާގެ ދަނބިދަރިފުޅު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓު ކޮށްފައި ވަނީ މިއަދު ކަމަށާއި އެ މައްސަލައާ ގުޅިގެން އުމުރުން 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހާއަކީ ކުށުގެ ރިކޯޑް އޮތް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ހައްޔަރު ކުރި ފިރިހެންމީހާ އަކީ ރޭޕްކޮށްލި އަންހެންމީހާގެ ދަނބިދަރިފުޅެވެ.
އަދި ބަލިއެނދުގައި އޮންނަ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައި ހުރިކަން އެނގުނީ ހޮސްޕިޓަލަށް ގެންގޮސް ދެއްކުމުން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
މިއަހަރުގެ އޭޕްރީލް މަހުތެރޭ ވެސް ހިތަދޫގައި އުމުރުން 74 އަހަރުގެ އަންހެނަކު ރޭޕްކޮށްލުމުގެ ތުހުމަތުގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، ތަހުގީގަށްފަހު ވަނީ ދޫކޮށްލާފަ އެވެ. އަދި އެ މައްސަލަ މިހާރު ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ.