03 Jan 2019, 09:27
ވައިޓް ހައުސް (ޖަނަވަރީ 3) : އެމެރިކާ ސިފައިން ސޫރިޔާއިން ބޭލި ނަމަވެސް އެމެރިކާގެ ބައިވެރިންގެ ގޮތުގައި ތިބި ސޫރިޔާގެ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތައް ހިމާޔަތް ކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕްގެ ރިޔާސީ ޓީމާއެކު ވައިޓް ހައުސްގައި ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ ސޫރިޔާގައި އެމެރިކާ ސިފައިން ބޭތިއްބުމަކީ އެމެރިކާއަށް މަސްލަހަތު ހުރިކަމެއް ނޫންކަމަށާއި ސޫރިޔާއަށް އަސްކަރީގޮތުން ވަދެގެން އެމެރިކާއަށް ހާސިލް ކުރެވުނު ކަމެއް އަދި ނެރެވުނު ނަތީޖާއެއް ނެތްކަމުގައެވެ.
"ސޫރިޔާގައި ވެއްޔާއި މީހުން ކަތިލުންނޫންކަމެއް ނެތް، ސޫރިޔާގައި އެމެރިކާ ސިފައިން ތިބޭ ސަރަހައްދަކީ މާބޮޑު ގުދްރަތީ ޚަޒާނާތަކެއް ހުރި ސަރަހައްދެއްވެސްނޫން، ސޫރިޔާގައި ދިގުމުއްދަތަކަށް އެމެރިކާ ސިފައިން ބޭތިއްބުމަކީ ފައިސާތަކެއް ޚަރަދުވުން ފިޔަވައި އެހެން އެއްވެސް ކަމެއް ހާސިލް ކުރެވޭނެ ކަމެއް ނޫން" ޓްރަމްޕް ވިދާޅުވިއެވެ.
ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތް ބަލިކޮށްލެވިއްޖެ ކަމަށް ވިދާޅުވެ ސޫރިޔާގައި ތިބޭ އެމެރިކާ ސިފައިން ބޭލުމަށް ޓްރަމްޕް ނިންމަވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ. ޓްރަމްޕް ކުއްލިއަކަށް މިގޮތަށް ނިންމެވުމުން މިމައްސަލާގައި އެމެރިކާގެ އެތެރޭންވަނީ ޓްރަމްޕަށް ބޮޑެތި ފާޑުކިޔުންތަކެއް ރައްދުވެފައެވެ. އަދި އިސްރާއީލުންވެސްވަނީ އެއީ ސޫރިޔާ އީރާނަށް ދޫކޮށްލުން ކަމަށް ސިފަކޮށް ޓްރަމްޕް ނިންމުމަކީ އިސްރާއީލުގެ ގައުމީ މަސްލަހަތަށް ނުރައްކާވާނެ ނިންމުމެއް ކަމަށް ސިފަކޮށްފައެވެ.
އައިއެސް ޖަމާއަތާ ހަނގުރާމަކުރުމަށް ކަމަށްބުނެ ސޫރިޔާ ސަރުކާރުގެ ހުއްދައަކާ ނުލައި އެމެރިކާ ސިފައިންގެ ދެހާހެއް ހާ މީހުން ސޫރިޔާގައި ބައިތިއްބާފައިވަނީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދުވަސްވަރުގައެވެ. ސޫރިޔާގެ ހުއްދައަކާ ނުލައި އެގައުމުގައި އެމެރިކާ ސިފައިން ބޭތިއްބުމަކީ އދ. ގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނާ މުޅިން ޚިލާފު ކަމެއް ކަމަށްވާތީ ސޫރިޔާއިންވަނީ އެމެރިކާ ސިފައިން ސޫރިޔާއިން ފައްސާލުމަށް ކުރެވެންއޮތްހާ ކަމެއް ކުރާނެކަމުގެ އިންޒާރުތައް އެތަށްފަހަރެއްގެ މަތިން ދީފައެވެ.
އެމެރިކާ ސިފައިން ތިބެނީ ސޫރިޔާގެ އުތުރުގައި ކުރުދީ ހަނގުރަމަވެރި ޖަމާއަތްތަކުގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައެވެ. އެތާ ތިބެގެން އެމެރިކާ ސިފައިން ކުރާ އެންމެ ބޮޑުކަމަކީ ތުރުކީއާ އިދިކޮޅު ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަށް އަސްކަރީ ތަމްރީންތައް ދީ އެމީހުންނަށް ހަތިޔާރު ފޯރުކޮށްދިނުމެވެ. އެމެރިކާ އައިއެސް އާ ހަނގުރާމަ ކުރަނީވެސް ކުރުދީންނަށް ހަތިޔާރު ދީގެން އެމީހުން ލައްވައެވެ. އެއީ އައިއެސް އާ ސީދާ ގޮތެއްގައި ހަނގުރާމަ ކުރުމަކީ އެމެރިކާ ސިފައިން ގިނަ އަދަދަކަށް މަރުވާނެ ކަމެއްކަމަށްވާތީއެވެ. މީގެއިތުރުން ސޫރިޔާގައި ހަރަކާތްތެރިވާ ރަޝިޔާއާއި އީރާނުގެ ސިފައިންނަށް ފާރަލުމާއި އިސްރާއީލުގެ މަސްލަހަތު ދިފާއުކުރުމަކީ ވެސް އެމެރިކާއިން ސޫރިޔާގެ އުތުރުގައި ސިފައިން ބޭތިއްބުމުގެ މައިގަނޑު ބޭނުމެކެވެ.
ނަމަވެސް އެމެރިކާއިން ސޫރިޔާގެ ކުރުދީންނަށް އަސްކަރީގޮތުން އެހީތެރިވާ މައްސަލާގައި ތުރުކީގެ ފަރާތުންވަނީ އެމެރިކާއަށް ވަރުގަދަ ފިއްތުންތަކެއް ކުރިމަތިވެފައެވެ. އެމެރިކާ ސިފައިން ބޭލުމަށް ޓްރަމްޕް ނިންމެވި ކުއްލި ނިންމެވުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބުތަކަކީ ތުރުކީގެ ފިއްތުންތައް ބޮޑުވުމާއި ސޫރިޔާގައި ސިފައިން ބައިތިއްބައިގެން އެމެރިކާއަށް މާބޮޑު ކަމެއް ޙާސިލް ނުވާނެކަން ޓްރަމްޕަށް ކަށަވަރުވުމުގެ އިތުރުން އެކަމަށް ހިނގާ ޚަރަދު ވެސް ބޮޑުވުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ސޫރިޔާގައި ތިބި އެމެރިކާ ސިފައިން ބޭލުމަށް ހަތަރު މަސްދުވަހުގެ މުއްދަތެއް ޓްރަމްޕް ކަނޑައަޅުއްވާފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެއެވެ. ނަމަވެސް ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެމެރިކާ ސިފައިން ސޫރިޔާއިން ބޭލުމުގެ ކަންތައް ނިންމަވާނެ ކަމުގައެވެ.
އެމެރިކާ ސޫރިޔާގެ ޖަމާއަތްތަކަށް ހަތިޔާރު ދީގެން ރައީސް ބައްޝާރުލްއަަސަދުގެ ސަރުކާރު ވައްޓާލައި އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް ސޫރިޔާގައި ގާއިމް ކުރުމަށް ކުރި ސިޔާސީ އަދި އަސްކަރީ މަސައްކަތްތައްވަނީ ނާކާމިޔާބުވެފައެވެ. އަދި ބައްޝާރުގެ ސަރުކާރުން ވަނީ އެމެރިކާއާއި ގަލްފުގެ ގައުމުތަކާއި ތުރުކީގެ އެހީގައި ހަނގުރާމަކުރި ޖަމާއަތްތައް ބަލިކޮށް ސޫރިޔާގެ ދާޚިލީ ހަނގުރާމަ ކާމިޔާބުކޮށްފައެވެ. (ނޫސްއެޖެންސީތައް)