03 Jan 2019, 02:24
މާލޭގެ މަގު މައްޗަށް ކުނި އެޅި މީހަކު ޖޫރިމަނާ ކޮށްފިއެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ ކުނި އަޅައިގެން ޖޫރިމަނާ ކުރީ ހ. ހަނދުވަރީގޭގެ ތިން ވަނަ ފަންގިފިލާގައި އުޅޭ މީހެއް ކަމަށެވެ. އަދި އޭނާ ޖޫރިމަނާ ކުރީ ހ. ސަނދުބަރަކަ ކައިރިއަށް ކުނި އަޅަން އުޅެނިކޮށް ކަމަށްވެސް އީޕީއޭއިން ބުންޏެވެ.
"ސާފު ރާއްޖެ" އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގެ ރަށްތައް ސާފު ރަށްތަކުގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުންދީ، މާލޭގެ މަގުތަށް ސާފުކޮށް ބަލަހައްޓައި، މަގުތަކަށް ކުނިއެޅުން ހުއްޓުވުގެ ގޮތުން އެންވަޔަރަމަންޓް ޕޮލިސް ތައާރަފްކުރީ މިދިޔަ އޮގަސްޓު މަހުއެވެ.
މާލޭގައި ގަވާއިދާ ޚިލާފަށް ކުނިއަޅާ ފަރާތްތައް ހުއްޓުވުމުގެ ގޮތުން ފުލުހުން މާލެ މިހާރު ދަނީ ޕެޓްރޯލުކުރަމުންނެވެ. އަދި ގަވާއިދާ ޚިލާފަށް ވެމްކޯގެ ޒޯންތަކުގައި ޕާކުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން ގަވާއިދާ ޚިލާފަށް ކުނި އުފުލާ މީހުންނާ މެދު ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅުއަޅައި، ބައިސްކަލުގައްޔާއި ގާޑިޔާތަކުގައި ގަވާއިދާއި ޚިލާފަށް ކުނި އުފުލަމުންދާނަމަ އެކަންވެސް ހުއްޓުވުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.
ފުުލުހުން ބުނީ ކުރިއަށް އޮތް ތަނުގައި ބޮޑެތި ސިޓީތަކަށްވެސް އެންވަޔަރަމަންޓް ޕޮލިސް ތައާރަފްކުރާނެ ކަަމަށެެވެ.