ރާއްޖޭގއި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަމާބެހޭ މުވައްސަސާތަކާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެޗްއާރުސީއެމްއިން ވަނީ ބިދޭސީންގެ މައްސަލަތަކާ ގުޅޭގޮތުން އިމިގްރޭޝަނާއި އަދި ލޭބާ ރިލޭޝަންސް އޮތޯރިޓީއާ މަޝްވަރާކޮށްފައެވެ.

އެޗްއާރުސީއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ނުތާހިރުކަން އިންތިހާއަށް ގޮސްފައިވާ ކަމަށެވެެ. އެހެންނަމަވެސް އިންސާނަކަށް ވީތީ އެމީހުންނަށްވެސް ހައްގުތައް ލިބެންޖެހޭކަމަށެވެ. އަދި އެމީހުން ރާއްޖެ ގެނައި ގޮތް ބަލައި އެމީހުންނާމެދު މުވައްސަސާތަކުން އަމަލުކުރަމުންދާ ގޮތް ބަލައި މަޝްވަރާކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި މަޝްވަރާކުރި މުހިންމު ކަންތައްތަކުގެ ތެރޭގައި ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައިގައި އަމަލުކުރި ގޮތާއި އެޅި ފިޔަވަޅުތަކާއި ބިދޭސީން ތިބޭތަންތަން އިމިގްރޭޝަނުން އިންސްޕެކްޝަން ހަދާގޮތުގެ އިތުރުން ވޯކް ޕާމިޓް ނެތި ބިދޭސީން އެތެރެ ކުރާ މީހުން ހޯދުމުގައި އަމަލުކުރާގޮތާއި ބިދޭސީންގެ އެކި މައްސަލަތައް ހައްލުކުރާނެ ގޮތްތައް ހިމެނެއެވެ.

ރާއްޖޭގެ ބިދޭސިން ގިނަ އަދަދަކަށް ދަނީ އުޅެމުންނެވެ. އޭގެ ތެރޭގައި ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންވެސް ހިމެނެއެވެ. ބިދޭސީންގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ބުނީ ބިދޭސީން ރާއްޖޭގައި އުޅެމުންދަނީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި އަދި އެމީހުންނަށް މުސާރަ ނުދޭ ކަމުގެ ޝަކުވާވެސް ވަރަށް ގިނައިން ލިބޭ ކަމަށެވެ.

ވަޒީފާދޭ ފަރާތުން ބޭންކް އެކައުންޓަށް މުސާރަ ޖަމާ ނުކުރާ ނަމަ އެ މީހަކު ޖޫރިމަނާ ކުރެވޭނެ ކަމަށް ވަޒީފާއާ ބެހޭ އާ ގައިވައިދުގައި ބުނެފައިވީ ނަމަވެސް އެ މާއްދާއަށް އަމަލުކުރުން އަންނަ ޖުލައި މަހަށް މިހާރު ވަނީ ފަސްކޮށްފައެވެ.