ކާބުލް (އޮކްޓޯބަރު 3) : އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތަކީ އެއްބައިވަންތަ ލީޑާޝިޕެއް ނެތް ޖަމާއަތެއް ކަމަށް ވިދާޅުވެ އެޖަމާއަތާއެކު ކުރިޔަށް ގެންދިޔަ ސުލްޙައިގެ ވާހަކަތައް ވަގުތީ ގޮތުން ހުއްޓާލުމަށް އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި ނިންމަވައިފި އެވެ.

ކަރުޒާއިގެ ތަރްޖަމާނަކު ވިދާޅުވީ ތާލިބާނުންނާ ސުލްޙައިގެ ވާހަކަތައް ދެއްކުމުގައި އަފްޣާން ސަރުކާރުގެ ފަރާތުން އިސްކޮށް އުޅުއްވި އެޤައުމުގެ ކުރީގެ ރައީސް ޕްރޮފެސަރު ބުރްހާނުއްދީން ރައްބާނީ، ތާލިބާނުންގެ ޙަމަލާއެއްގައި މިދިޔަ ހަފްތާގައި އަވަހާރަކޮށްލުމަކީ އެޖަމާއަތުގެ ލީޑަރުޝިޕެއްނެތްކަން ހާމަވާ ކަމެއް ކަމުގަ އެވެ.

ތާލިބާނުންނާއެކު ސުލްޙަ ވާނެގޮތުގެ އާ ސްޓްރެޓެޖީއެއް ރައީސް ޙާމިދު ކަރުޒާއި ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވެސް އޭނާގެ ތަރްޖަމާން ވިދާޅުވި އެވެ. ދީނީ އިލްމުވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މިދިޔަ ހުކުރު ދުވަހު ކަރުޒާއި ވިދާޅުވީ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދަނިކޮށް ރައްބާނީ އަވަހާރަކޮށްލީ ތާލިބާނުން ކަމަށާއި އެޖަމާއަތަކީ ގޮތްނޭންގޭ ޖަމާއަތެއް ކަމުގަ އެވެ.

ކަރުޒާއި މިހެން ވިދާޅުވި ނަމަވެސް ރައްބާނީ އަވަހާރަކޮށްލުމުގެ ޒިންމާ ތާލިބާނުން ސީދާ ގޮތެއްގައި އުފުލާފައެއް ނުވެ އެވެ. ރައްބާނީ އަވަހާރަކޮށްލާފައި ވަނީ ތާލިބާނުންގެ މީހަކު އޭނާއާ ސުލްހައިގެ ވާހަކަތައް ދެއްކުމަށްޓަކައި ގޮވާތަކެތީގެ ބެލްޓެއް ފަގުޑީގައި ހަރުކޮށްގެން ގޮސް ރައްބާނީ އަރިހުގައި އިދެ އެބެލްޓް ގޮއްވާލައިގެން ދިން އަމިއްލައަށް މަރުވުމުގެ ހަމަލާއެއްގައި ކަމަށް އަފްޣާން ފުލުހުން ބުނެއެވެ. (އަލްޖަޒީރާ)