03 Jan 2019, 02:16
ރާއްޖޭގެ އެތެރޭގެ އުދުހުންތައް ފަސޭހަވެގެން ދިއުން ޖަޒީރާ ރާއްޖެއަށް ވަރަށް މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިރޭ ކުރެއްވި ޓުވީޓެއްގައި، އެތެރޭގެ އުދުހުންތަކުގެ އަގުތައް މޯލްޑިވިއަން އިން ހެޔޮ ކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވައި ވިދާޅުވީ، އެތެރޭގެ އުދުހުންތައް ފަސޭހަވެގެން ދިއުމަކީ އަމަނިކުފާނުގެ ކޯލިޝަން ސަރުކާރުގެ މެނިފެސްޓޯ "ޖަޒީރާ ރާއްޖެ"ގެ ވައުދެއްވެސް ކަމަށެވެ.
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައްކުގެ އަގުތަށް 25-30 ޕަސަންޓާ ދެމެދުގެ އަދަދަކަށް އަގު ހެޔޮކުރިކަން އެ ކުންފުނިން މިރޭ ވަނީ ހާމަކޮށްފައެވެ. އަދި އެ އަގުތަކަށް އަމަލު ކުރަން ފަށާނީ މިމަހު 10 ދުވަހުން ފެށިގެން ކަމަށްވެސް މޯލްޑިވިއަންއިން ބުންޏެވެ.
"ކުރީގައި އެންމެ ދުރަށް ދަތުރުކުރެވޭ އައްޑޫ ސިޓީ ގަމުގެ ރިޓާން ޓިކެޓެއްގެ އަގު އުޅޭނީ 3،500 އަށް. ނަމަވެސް މިހާރު ގެނެވުނު ބަދަލުތަކާއެކު އެނެމް ބޯދު ފެއާގައި އުޅޭނީ 2665 ރުފިޔާއަށް،" އަގުތައް ކުޑަވެފައި ހުރި މިންވަރު ހާމަ ކުރައްވާ މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވި އެވެ.
ރިޒްވީ ވިދާޅުވީ، ކުންފުނީގެ އަމާޒަކީ، މުޅި އަހަރު އެކޮށް އެންމެ ކުޑަ ފެއާގައި ޓިކެޓްގެ އަގު ހެފެހެއްޓުން ކަމަށާއި މުސްތަގުބަލްގައި އިތުރު ޕްރޮމޯޝަނަލް ފެއާތައްވެސް ތައާރަފް ކުރެވޭނެ ކަމަށެވެ.
"ޑިޖިޓަލްކޮށް، އޮންލައިން ޕްރޮމޯޝަނަލް ފެއާތައް ކުރިއަށް އޮތްތާ ތައާރަފް ކުރާނަން. [އަމާޒަކީ] ޝެޑިއުލް އެއްގޮތަކަށް ހިފަހައްޓާ، އެންމެ ބޮޑު ކަމަކަށް ވާނީ ކުންފުނިން ދޭ ހިދުމަތުގެ ފެންވަރު ރަގަޅު ކުރުން،" ސަރުކާރު ބަދަލުވުމަށް ފަހު މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަުކަރުކަމާ ހަވާލުވި، ރިޒވީ ކުންފުންނާ މެދު ކުރެވޭ ކުޑަ ތައްސައްވަރެއް ހިއްސާ ކުރަމުން ވިދާޅުވިއެވެ.