02 Jan 2019, 22:12
ގޭބަންދުގައި މިހާރު ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ.
އަދީބު އަނބުރާ ޖަލަށް ބަދަލުކުރީ މިރޭ 10:30 އެހައިކަންހާއިރުއެވެ.
ޓެރަރިޒަމާއި ޚިޔާނާތާ އެކު ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި އަދީބު ގޭބަންދަށް ބަދަލުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
އަދީބު ގޭބަންދަށް ބަދަލުކޮށްފައި ވަނީ އޭނާގެ ސިއްހީ ހާލަތު ގޯސްވެ އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންގޮސް ކުރި އޮޕަރޭޝަނަށްފަހުއެވެ.
ގޭބަންދުގައި ހުންނެވިއިރު އަދީބު ވަނީ އަލަށް އުފެއްދި ސިޔާސީ ޕާޓީ އެމްޓީޑީއަށް ސޮއި ކުރައްވާފައެވެ. އަދި އެ ޕާޓީން ވަނީ އެ ޕާޓީގެ އިންތިގާލީ ރައީސް ކަމަށް އައްޔަން ކޮށްފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ އެއީ ބާތިލް ނިންމުމެއް ކަމަށެވެ. ސަބަބަކީ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ޕާޓީގެ އާންމު މެމްބަރެއްގެ ގޮތުގައި ހުރުން ފިޔަވައި، ޕާޓީގެ އެއްވެސް މަގާމަށް ނާދެވޭނެ ކަމަށް ޖަލުތަކާިއ ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.