02 Jan 2019, 21:20
ޓެރަރިޒަމް އާއި ޚިޔާނާތާއެކު 33 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދިޔަ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އަބްދުލް ޣަފޫރު ގޭ ބަންދަށް ބަދަލު ކުރެވިފައި ވަނީ ވަގުތީ ގޮތުން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފައިއެވެ.
އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވެ އެމަޖެންސީގައި އައިޖީއެމްއެޗަށް ގެނެސް އޮޕްރޭޝަނެއް ކުރުމަށް ފަހު، މިދިޔަ ނޮވެމްބަރު މަހު 27 ވަނަ ދުވަހު ވަނީ ގޭބަންދަށް ބަދަލު ކުރެވިފައެވެ.
ކަރެކްޝަންސް ގެ އިންފޮމޭޝަން އޮފިސަރު އަހްމަދު ލުގްމާން މިރޭ "ސަން" އަށް ވިދާޅުވީ އަދީބު ގޭ ބަންދަށް ބަދަލުކުރެވިފައިވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ވަގުތީ ގޮތުން ކަމަށެވެ.
މިއަދު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދީބު ގޭބަންދަށް ބަދަލު ކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ހޯމް މިނިސްޓަރު އައްޝައިހު އިމްރާން އަބްދުﷲ ވިދާޅުވީ، އަދީބު ގެއަށް ބަދަލު ކުރެވިފައިވަނީ ޑޮކްޓަރު އިރުޝާދުގެ މަތިން، ޑޮކްޓަރު ދެއްވާފައިވާ ލިއުމާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
"ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރެވިފައި އެވަނީ ޑޮކްޓަރުގެ އިރުޝާދުގެ މަތިން، ޑޮކްޓަރު ދެއްވާފައިވާ ލިއުމާ އެއްގޮތްވާ ގޮތުގެ މަތިން. އެހެންވީމާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެގޮތަށް އެ އަމަލު ކުރެވެމުންދާނެ،" އިމްރާން ވިދާޅުވި އެވެ.
ނަމަވެސް އަދީބު ގޭ ބަންދަށް ބަދަލު ކުރީ ކިހާ ދުވަހަކަށް ކަމެއް ކަމެއް އިމްރާން ވިދާޅެއް ނުވެއެވެ.

ކެޕްޝަން..
އިމްރާން ވިދާޅުވީ އަދީބުގެ ހުކުމް ދެމި އެބަ އޮތް ކަމަށާއި ހުކުމް ތަންފީޒުކުރުމުގެ ކަންކަން ކަނޑައެޅިފައިވާ ގޮތަށް ކުރިއަށް ދާނެ ކަމަށެވެ.
އަދީބު ވަނީ ގޭބަންދަށް ބަދަލު ކުރި ފަހުން ގޭބަންދުގައި ހުންނަވައިގެން، ވިޔާފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް އިސްވެ ހުންނަވާ އުފައްދަވާފައިވާ، މޯލްޑިވިއަން ތާޑްވޭ ޕާޓީ (އެމްޓީޑީ) ގެ ފުރަތަމަ މެމްބަރެއްގެ ގޮތުގައި އެޕާޓީ އަށް ސޮއި ކޮށްފައެވެ.
އަދީބު ގޭބަންދަށް ބަދަލު ކުރި އިރު، ރިޔާސީ ލޯންޗުގައި ބޮން ގޮއްވި މައްސަލައާއި ގުޅިގެން އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމާއި، މޭޑޭގައި ފިސްތޯލައެއް ގެންގުޅުނުކަމުގެ ދައުވާ ސާބިތުވެ އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމަކާ އަދި އެމްއެމްޕީއަރުސީގެ ފަސް މިލިޔަން ޑޮލަރުގެ ހިޔާނާތުގެ މައްސަލަ ސާބިތުވެ އަށް އަހަރުގެ ހުކުމަކާއެކު ޖުމްލަ 33 އަހަރުގެ ޖަލުހުކުމްތަކެއްގައި އެނޭ ދިޔައީ ހުކުމް ތަންފީޒު ކުރަމުންނެވެ