03 Jan 2019, 09:10
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދާ ޕީޕަލްސް ނޭޝަނަލް ކޮގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކުރުމަށް އަންނަ ހަފްތާގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ރޭ "ސަން" އަށް ވިދާޅުވީ ޕާޓީ އުފެއްދުމުގެ ހުއްދަދިންތާ މަދު ގަޑިއިރެއްގެ ތެރޭގައި 3000 އަށް ވުރެ ގިނަ މީހުން އެ ޕާޓީއަށް ސޮއިކޮށްފައިވާ ކަމަށެވެ. ނަަމަވެސް ޕާޓީ ރަޖިސްޓްރީކުރަން ހުށަޅޭޅިގެން އުޅެނީ އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ނުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ އެކި ރަށްރަށުން ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ މި ޕާޓީއަށް ސޮއިކޮށްފައި. އަޅުގަނޑުމެން މިބަލަނީ އަންނަ އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ޕާޓީ ރަޖިސްޓްރީ ކުރުމަށް ފޯމްތައް ހުށަހެޅޭތޯ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޕާޓީ ރަޖިސްޓްރީކުރަން ހުށަހަޅާއިރު، މިހާތަނަށް ސޮއިކުރި ހުރިހާ އެންމެންގެ ފޯމްތައް ހުށަހެޅުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. ގިނަ ފޯމްތައް ހުށަހެޅުމުގެ ބަދަލުގައި އަމާޒަކީ ވީ އެންމެ އަވަހަކަށް ޕާޓީ ރަޖިސްޓްރީ ކުރެވޭނެ ގޮތެއް ހަމަޖެއްސުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އިލެކްޝަންސް ކޮމިޝަނާ ވާހަކަ ދެއްކުމަށްފަހު އަޅުގަނޑުމެން ނިންމާނީ ސީދާ ކިތައް ފޯމްތޯ ހުށަހަޅާނީ. އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ޕާޓީ ރަޖިސްޓްރީ ކުރަން،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ޕާޓީ ރަޖިސްޓްރީވުމާއެކު ޕާޓީގެ ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށެވެ. އަދި ޕާޓީން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތް ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައި ވަނީ ޕީޕީއެމްއާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި މައްސަލަ އަކީ ޕީޕީއެމްގެ ރައީސް ކަމަށް ރައީސް ޔާމީން އިންތިޚާބު ކުރުމަށް ބޭއްވި ކޮންގްރެސް ސައްހަ ކަމަށް ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ މައްސަލައެވެ.