02 Jan 2019, 20:34
ޗައިނާއިން ވަކިވެގެންފައިވާ އެގައުމުގެ ކުޑަ ޖަޒީރާ އެއްކަމަށްވާ ޓައިވާން އަލުން ޗައިނާއާ އެއްކޮށްލަންޖެހޭ ކަމަށް ރައީސް ޝީޖިންޕިން މިއަދު ވަނީ ވިދާޅުވެފައެވެ.
މީލާދީ އައު އަހަރު ފެށުމާ ގުޅިގެން ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި ޝީ ވިދާޅުވީ ޓައިވާން އަލުން ޗައިނާއާ އެއްކޮށްލަން ބޭނުންވަނީ ސުލްޙަވެރިކަމާއެކުގައި ކަމަށާ ނަމަވެސް ބާރުގެ ބޭނުންކޮށްގެން އެކަން ކުރަންޖެހިއްޖެ ހާލަތެއްގައި އެކަންކުރުމުގެ ޚިޔާރުވެސް ދޫކޮށްލެވެން ނެތްކަމުގައެވެ. ޓައިވާނުން މިނިވަންކަން އިޢްލާންކުރުމާ ދެކޮޅަށް އިންޒާރު ދެއްވަމުން ޝީ ވިދާޅުވީ ޓައިވާނުގެ ލީޑަރުން އެފަދަ ނިންމުމެއް ނިންމައިފިނަމަ ގެއްލުންވާނީ ޓައިވާން ހިމެނޭގޮތަށް މުޅި ޗައިނާގެ ހުރިހާ ރައްޔިތުންނަށް ކަމަށާއި ޓައިވާނަކީ ޗައިނާގެ ބައެއް ކަމުގައެވެ.

ޗައިނާގެ ރައީސް
ޓައިވާނަކީ 1959 ވަނަ އަހަރު މާއޮޒެޑޮންގެ ޒަޢާމަތުގައި ޗައިނާއަށް ގެނައި ކޮމިއުނިސްޓް އިންގިލާބާ ދެކޮޅު ހެދުމަށްޓަކައި އޭރުގެ ޗައިނާގެ ވެރިއަކަށް ހުންނެވި ޗާންކައިޗަކް އާއި އޭނާއަށް ތާއީދުކުރާ ލީޑަރުން ފިއްލަވައިގެން ވަޑައިގެންނެވި ޗައިނާގެ ވަރަށް ކުޑަ ޖަޒީރާއެކެވެ. މާއޮގެ ކޮމިއުނިސްޓް އިންގިލާބާ ދެކޮޅަށް ހަރަކާތްތެރިވި ޗައިނާގެ އޭރުގެ ލީޑަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނީ އެމެރިކާއިންނެވެ. މާއޮގެ ކޮމިއުނިސްޓް އިންގިލާބާ އިދިކޮޅު ލީޑަރުން ފިއްލަވައިގެން ޓައިވާނަށް ވަޑައިގެން އެތަނުގައި އެމެރިކާގެ ހިމާޔަތުގައި ކޮމިއުނިޒަމާ އިދިކޮޅު ކެޕިޓަލިސްޓް ވަކިވެރިކަމެއް ކުރައްވަން ފެއްޓެވިނަމަވެސް ޓައިވާނުން ޗައިނާއާ ވަކިވެ މިނިވަންކަން އިޢްލާންކޮށްފައެއް ނުވެއެވެ.
އޭގެބަދަލުގައި ޓައިވާނުގެ ލީޑަރުން ޓައިވާން ސިފަކުރައްވަމުން ގެންދެވީ ކޮމިއުނިޒަމުން ސަލާމަތްވެފައިވާ މިނިވަން ފްރީ ޗައިނާގެ ގޮތުގައެވެ. މިއާއެކު އަހަރުތަކެއްވަންދެން އދ. ގެ ސަލާމަތީ މަޖިލީހުގައި ޗައިނާ ތަމްޘީލް ކުރަމުން ގެންދިޔައީވެސް ޓައިވާނުންނެވެ. ނަމަވެސް ޗައިނާ ބާރުގަދަވެ ކުރިއަރައި ތަރައްގީވަމުންދިޔުމާއެކު ޓައިވާނަކީ އޭރު އެންމެ 13 ވަރަކަށް މިލިޔަން (މިހާރު 23 މިލިޔަން) މީހުންގެ އާބާދީއެއް އޮންނަ ޗައިނާގެ ސަރަހައްދެއްކަމުން އދ. ގެ ސަލާމަތީ މަޖިލީހުގައި ޗައިނާ ތަމްޘީލް ކުރުމުގެ ފުރްސަތު ލަސްތަކެއްނުވެ ޓައިވާނަށް ގެއްލިއްޖެއެވެ.

ޓައިވާންގެ ރައީސާ
މިއާއެކު ޓައިވާންގެ ބަދަލުގައި ޗައިނާގެ ކޮމިއުނިސްޓް ވެރިކަން ގަބޫލުކޮށް މާއޮގެ ވެރިކަމަށް އިޢްތިރާފްވާން އެމެރިކާއަށްވެސް މަޖްބޫރުވެގެން ދިޔައެވެ. މިކަމަށްޓަކައި އެމެރިކާގެ ކުރީގެ ރައީސެއްކަމަށްވާ ރިޗަޑް ނިކްސަން 1972 ވަނަ އަހަރު ޗައިނާއަށް ވަޑައިގެން ޗައިނާގެ ކޮމިއުނިސްޓް ވެރިންނާ ބައްދަލުކުރައްވައި މާއޮގެ ކޮމިއުނިސްޓް ވެރިކަމަށް އިއްތިރާފްވެވަޑައިގެންނެވިއެވެ.އޭގެކުރިން 1971 ވަނަ އަހަރު ޓައިވާނަށްވަނީ އދ. ގެ ސަލާމަތީ މަޖިލީހުގައި ޗައިނާ ތަމްޘީލްކުރިކުރުން ގެއްލި ކޮމިއުނިސްޓް ޗައިނާއަށްވަނީ ޗައިނާގެ އދ. ގެ ގޮނޑި ލިބިފައެވެ.
އެއަށްފަހު ޓައިވާން އޮންނަނީ ދުނިޔޭގައި ވަރަށް އެކަހެރި އެކަނިވެރި ގައުމެއްގެ ގޮތުގައެވެ. ޗައިނާގެ ބާރުގަދަކަމާއި ނުފޫޒު ގަދަކަމުން މަދުގައުމަކަށް ނޫނީ ޓައިވާނާ ގުޅުންތައް ގާއިމް ކުރާކަށް ބޭނުމެއް ނުވެއެވެ. އަދި ކުރިން ގުޅުންތައް ގާއިމް ކުރި ގައުމުތަކުގެ ތެރެއިންވެސް މިހާރު ޓައިވާނާ ގުޅުންތައް ބާއްވަމުން ގެންދަނި އެންމެ ސާދަ ވަރަކަށް ގައުމުންނެވެ. އެ ސާދަ ގައުމަށް ޓައިވާނުން ބޮޑެތި އެހީތަކެއް ވާއިރު ޗައިނާ ގެންދަނީ އެއަށްވުރެ ބޮޑެތި އެހީތައްވެ ޓައިވާނާ ދުރުވުމަށް އެގައުމުތަކަށް ހިއްވަރުދެމުންނެވެ. ޒަމާންތަޚާއެކު ޓައިވާނަށް އިއްތިރާފްވާ ގައުމުތަކުގެ އަދަދު މަދުވީވެސް ޗައިނާގެ މި ހިކްމަތްތެރި ސިޔާސަތުގެ ސަބަބުންނެވެ.
ޗައިނާ، ޓައިވާނާމެދު ދެކެނީ ހިންގުމުގެ ތަފާތު ނިޒާމެއް އޮންނަ ޗައިނާގެ ސަރަހައްދެއްގެ ގޮތުގައެވެ. ޓައިވާން އަދިވެސް ބޭނުންވަނީ އެގައުމުގައި އޮންނަ ހުޅަނގުގެ ކެޕިޓަލިސްޓް އަދި ޑިމޮކްރެޓިކް ނިޒާމު ޗައިނާގައި ފަތުރައިގެން ޗައިނާ ތަމްޘީލް ކުރުމަށެވެ. ނަމަވެސް އަދުގެ ޓައިވާނަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް ޗައިނާއާ އަޅާކިޔޭވަރަށްވުރެ ކުޑަ އަދި ބަލިކަށި ގައުމެކެވެ. ޗައިނާވަނީ ޓައިވާނަށްވުރެ މާބޮޑަށް ކުރިއަރައި ތަރައްގީވެ ބާރުގަދަވެފައެވެ. ޓައިވާންގެ މިހާރުގެ ލީޑަރޝިޕް އާއި ޗައިނާއާ ގުޅުންތައް ރަނގަނޅެވެ. ނަމަވެސް ކޮމިއުނިސްޓް ޗައިނާގެ ވެރިކަމުގެ ނިޒާމުގެ ބައަކަށްވާން ޓައިވާންގެ ލީޑަރުން އަދިވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް ވަކި ދައުލަތެއްގެ ގޮތުގައި މިނިވަންކަން އިޢްލާންކޮށް ޗައިނާއާ މުޅިން ވަކިވެގަތުމަކީވެސް ޓައިވާންގެ ލީޑަރުން އެދޭކަމެއް ނޫނެވެ.
މިކަން ކުރަން ޓައިވާނަށް ނުކެރޭ ސަބަބުތަކުގެ ތެރޭގައި އެއީ ގައުމަށް (ޗައިނާއާއި ޓައިވާން ހިމެނޭގޮތަށް ޗައިނާގެ މުޅި އުންމަތަށް) ޚިޔާނާތްތެރިވުމުގެ އަމަލަކަށްވުމާއި މިނިވަންކަން އިޢްލާންކޮށްފިނަމަ ޗައިނާއިން ބާރުގެ ބޭނުންކޮށްފާނެ ކަމުގެ ބިރު ހީވުން ހިމެނެއެވެ. މީލާދީ އައު އަހަރު ފެށުމާއެކު ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައި ޝީ ވަނީ ޓައިވާން އަލުން ޗައިނާއާ އެއްކޮށްލުން ނޫން އެހެން ހައްލެއްނެތްކަމުގެ މެސެޖް ޓައިވާންގެ ޒައާމަތަށް ދެއްވާފައެވެ.