މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގައި ތިބޭ މީހުންގެ އެކަހެރި ބައްދަލުވުންތަކުގެ ދިގު މިން 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.

މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވީ، ކަރެކްޝަންސްގެ ޖަލުތަކުގައި ބަންދުގައި ތިބޭ މީހުންނަށް މަހަކު އެއްފަހަރު 24 ގަޑިއިރަށް އެކަހެރި ބައްދަލުވުންތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"ޖަލުތަކުގައި ތިބޭ މީހުންނަށް އެކަހެރި ބައްދަލުވުންތައް މިހާރު ދެވެމުން މި އަންނަނީ މަހަކު އެއްފަހަރު 12 ގަޑި އިރަށް، ނަމަވެސް އަޅުގަނޑުމެން އެ ބައްދަލުވުންތައް މިހާރު މިވަނީ މަހަކު އެއްފަހަރު 24 ގަޑިއިރަށް ބަދަލުކޮށްފައި،" މިިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީއާއި ކަރެކްޝަން ސާވިސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އިމްރާން ވިދާޅުވީ، ޖަލު ބަންދުގައި ތިބޭ މީހުންގެ އާއިލާތައް ބަދަހިކޮށް ދެމިއޮތުމަށްޓަކައި ހޯމް މިނިސްޓްރީއަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭނެ ކަމަށެވެ.

ހުކުމް ތަންފީޒު ކުރުމަށް ނޫން ގޮތަކަށް ޖަލު ބަންދުގައި ތިބޭ މީހުންނަށް އެކަހެރި ބައްދަލުވުންތައް ލިބޭނެ އުސޫލެއް މިހާތަނަށް ކަނޑައެޅިފައިނުވާ ކަމަށެވެ. ނަމަވެސް އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން އެފަދަ މީހުން ހަތަރު މަހަށް ވުރެ ދިގު މުއްދަތަކަށް ޖަލު ބަންދުގައި ތިބެންޖެހިއްޖެނަމަ، އެކަހެރި ބައްދަލުވުންތައް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޖަލަށް ހުކުމް ކުރެވޭ ބޭފުޅުންނަށް ހަތަރު މަހަށް ވުރެ ދިގު މުއްދަތެއްގައި ޖަލުގައި ހުންނަން ޖެހިއްޖެ ނަމަ، އެހިސާބުން އެ ބޭފުޅަކަށް އެކަހެރި ބައްދަލުވުންތައް ދޭ ގޮތަށް އަޅުގަނޑުމެން މި ވަނީ ހަމަޖައްސަވައިފައި،" އިމްރާން ވިދާޅުވިއެވެ.

އައިލީ ބައްދަލުވުންތައް ވެސް ދެ ގަޑި އިރަށް ވަނީ ބަދަލުކޮށްފައި

އެކަހެރި ބައްދަލުވުންތަކުގެ ދިގު މިން 24 ގަޑި އިރަށް ބަދަލުކޮށްފައިވާ އިރު، ގައިދީންނާއި ޖަލު ބަންދުގައި ތިބޭ މީހުންގެ އައިލީ ބައްދަލުވުންތަކުގެ ދިގު މިން ހޯމް މިނިސްޓްރީން ވަނީ އިތުރުކޮށްފައެވެ.

މިހާރު އެފަދަ ބައްދަލުވުންތައް ދެނީ އެއް ގަޑިއިރަށެވެ. ނަމަވެސް އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން އާއިލީ ބައްދަލުވުންތަކުގެ ދިގު މިނަކީ ދެގަޑިއިރު ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އާއިލީ ބައްދަލުވުންތައް ދޭ ގޮތުގެ އިތުރު ތަފްސީލު މިނިސްޓަރު މިއަދު ވިދާޅެއްނުވެއެވެ.

"މިއަދުން ފެށިގެން އައިލީ ބައްދަލުވުންތައް އަޅުގަނޑުމެން ދެ ގަޑިއިރަށް ހަމަޖެހިގެންދާ ގޮތަށް އިންތިޒާމްތައް ކުރިއަށް ގެންދާނަން،" އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީއާއި ކަރެކްޝަނަލް ސާވިސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލުތަކާ ގުޅޭގޮތުން މިއަދު ނިންމި ނިންމުންތަކަކީ ޖަލުގައި ތިބޭ މީހުންނާއި އެމީހުންގެ އާއިލާތަކަށް ލުއި ފަސޭހަ ތަކެއް ލިބިގެންދާނެ ނިންމުންތަކެއް ކަމަށާއި އެ ނިންމުންތަކުގެ ސަބަބުން ޖަލުގައި ތިއްބެވި މީހުން ޖަލުން ނިކުންނައިރު ހެޔޮ ބަދަލުތަކެއް އައިސަފައިވާ ބަޔަކަށް ވުމަށް މަގުފަހި ވެގެން ދާނެ ކަމަށެވެ.