ލ. ގަމު މަތިމަރަދޫ އަވަށު ފިހާރައެއްގައި އިން ސޭޓަކަށް ކަނޑިއަކުން ހަމާލާދީ ޒަހަމްކޮށްލި މައްސަލައިގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ގެއްލުމެއް ދިން ކަމުގެ ދައުވާ ދައުލަތުން ހަތަރު މީހެއްގެ މައްޗަށް އުފުލައިފި އެވެ.

މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ 9:45 ގައި މަތިމަރަދޫގައި ހިންގި މާރާމާރީގެ މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ގަން މަތިމަރަދޫ، މާހަލްގޭ މުހައްމަދު ހަލީމާއި، މަތިމަރަދޫ ބޭސްގޭ އަހުމަދު ވަޖީހާއި މަތިމަރަދޫ ދަބުރުއްދޮށުގޭ އިބުރާހިމް ރިޒާ އާއި ހަމަ އެގެއަށް ނިސްބަތްވާ ހުސެއިން ރިޒާގެ މައްޗަށެވެ. ގަމު ހަތަރު މީހަކު ކަނޑިން ހިންގި މާރާމާރީގައި ޒަހަމްވެފައި ވަނީ ގަމު، މުކުރިމަގު ގޯލްޑަން ކްރޯން އަފުޒަލް އަލީ 20، އެވެ.

ގަމު ހަތަރު މީހުންގެ މައްޗަށް ދައުވާކޮށްފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ތޫނުހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. އަދި އެ ގާނޫނުގެ ދެވަނަ މާއްދާގެ ނ. އާ ހަވާލާދީ އެ މާއްދާގެ ބ. އަށް ރިއާޔަތްކޮށް ހަމަ އެ މާއްދާގެ ޅ. ގެ ދަށުން ގަމު ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރެ އެވެ.

ޝަރީއަތުގައި އެ ހަތަރު މީހުންގެ ތިބީ ފުރަގަހަށް ބިޑިއަޅުވައިފަ އެވެ. އަދި ދައުލަތުގެ ވަކީލު ދައުވާ ހުށަހެޅުއްވުމުން އެ އެންމެންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، މަތިމަރަދޫ އަވަށުގެ ފިހާރައެއްގައި އިންސޭޓަކަށް ކަޅު ފޮތިތަކަކުން މޫނު ނިވާކޮށްގެން ކަނޑި އާއި ދަގަނޑު ބުރިތަކަކުން ހަމަލާދިން މަންޒަރު ދުއްކަމަށް ތަހުގީގަށް ބަޔަކު ހެކިބަސްދީފައިވާ ކަމަށެވެ. އަދި ހެކިންގެ ހެކި ބަހުން ފިހާރައެއްގައިއިން ސޭޓަކަށް ހަމަލާދިންކަން ޝަރީއަތަށް ސާބިތު ކުރަން ބޭނުންވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. އަދި ހެކީން ހުށަހެޅުމަށް ބޭނުންވާ ކަމަށް ވަކީލާ ވިދާޅުވުމުން ގާޒީ ވަނީ އެ ފުރުސަތު ދައުލަތަށް ދެއްވާފަ އެވެ. އަދި މައްސަލާގެ ބާވަތުން. ހެކީން ސިއްރުކުރަން ބޭނުންވާ ކަމަށް ދައަލަތުން ބުންޏެވެ.

އަދި ދައުވާ ލިބޭ ހަތަރު މީހުންގެ ތެރެއިން އިބުރާހިމް ރިޒާގެ އަތުގައި އެ ދުވަހު ކަނޑިއެއް އޮތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި އޭނާގެ އަތުގައި އޮތް ކަނޑީގަ ހުރި ލެޔާއި ޒަހަމުވި ސޭޓުގެ ލެޔާ ދިމާވާކަން ޑީއެންއޭ ތަހުލީލުތަކުން ދައްކާ ކަމަށް ވަކީލާ ވިދާޅުވި އެވެ. އަދި އެ މާރާމާރީގައި ޒަހަމްވި ސޭޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ވެސް ދައުލަތުން ވަނީ ޝަރީއަތުގައި އެދިފަ އެވެ.

ދައުވާ ލިބޭ ހަލީމާއި އިބްރާހިމް ރިޒާ އައި ހުސެއިން ރިޒާގެ ވަކީލު ޝަހީމް އަހުމަދު ވިދާޅުވީ، އެ މައްސަލައިގައި ޖަބާވުދާރީވުމަށް ފުރުސަތެއް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.

ދައުވާލިބޭ އަހުމަދު ވަޖީހުގެ ވަކީލު އަލީ ޝާހު ވިދާޅުވީ ދައުލަތުން ހުށަހަޅުއްވާފައިވާ ދައުވާގައިވާ ކަންތައްތަށް "އުޑާއި ބިމާހާ ތަފާތު" ކަމަށެވެ. އަދި އެ މައްސަލައިގައި ރަނގަޅަށް ޖަވާބުދާރީވެވޭނީ ޝަރީއަތަށް ހުށަހަޅާ ހުރިހާ ލިޔުންތަކެއްގެ ކޮޕީ ވެސް ލިބިގެން ކަމަށެވެ. އަދި ޝާހު ވިދާޅުވީ ޒަޚަމްވި މީހާގެ ޑީއެންއޭ ރިޕޯޓު ތަފްސީލް ދައުލަތުން ޝަރީއަތަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ތޫނުހަތިޔާރާއި ތޫނު އެއްޗި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ގައި ވަނީ "އިންޒާރު ދިނުމަށްފަހު އިންޒާރެއް ދިނުމަކާއި ނުލައި ވިޔަސް ބިރުދެއްކުމުގެ އަމަލެއް ކުރަން އުޅުމަކީ ކުށެއް" ކަމަށެވެ. އަދި ހަމަ އެގާނޫނުގެ ދެވަނަ މާއްދާގެ (ރ) ގައި ވަނީ ބިރުދެއްކުމުގެ އަމަލެއް ހިންގާފައިވާ މީހެއްގެ އަދަބަކީ ހަ މަސްދުވަހާއި 18 މަސްދުވަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން" ކަމަށެވެ.