02 Jan 2019, 17:53
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އިފްހާމް ހުސައިން އައްޔަން ކުރައްވައިފިއެވެ.
މ. ޖަވާހިރުވާދީ އިފްހާމް ހުސައިން އެ މަގާމަށް އައްޔަން ކުރެއްވުމަށް ފަހު މަގާމްގެ ފަތް ކޮޅު އެރުއްވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރައީސް އޮފީހުން ބުނީ އިފްހާމް އެމަގާމަށް އައްޔަން ކުރައްވާފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސް ސޯލިހަށް ލިބިދޭ ބާރުގެ ދަށުން ކަމެށެވެ.
އިފްހާމް އަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދާން ކުއީންސްލަންޑުން މާސްޓަރސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވައި، ހަމަ އެ ޔުނިވާސިޓީން ބެޗެލާސް ޑިގްރީ އިން އާލީ ޗައިލްޑްހުޑް، ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އިފްހާމް ހުސައިން އަށް ވަނީ 2015 ވަނަ އަހަރު ދުބާއީގައި ދެވޭ އިންޓަނޭޝަނަލް އެވޯޑް ޕްރިންސަސް ހަޔާ ފޯ ސްޕެޝަލް އެޑިއުކޭޝަން ވެސް ލިބިވަޑައިގެންފައެވެ.
އެނާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމާގުޅޭ މާހިރުން ދެއްވާ ފަންނީ އެހީތެރިކަން ފާހަގަކުރައްވައި 2016 ވަނަ އަހަރު ޖެންޑާ އެންޑް ފެމިލީ މިނިސްޓްރީގެ ފަރާތުން ދެއްވި ޑިސެބިލިޓީ އެވޯޑް ވެސް ހާސިލް ކުރައްވާފައެވެ.
މީގެއިތުރުން އިފްހާމަށް ވަނީ މުޖުތަމައުގައި އަންހެނުން ކުރިއެރުވުގެ ރޮނގުން ދެއްވާ ރެހެންދި އެވޯޑް ވެސް 2017 ވަނަ އަހަރު ލިބިވަޑައިގެންފައެވެ.
އިފްހާމް އެންމެ ފަހުން ހުންނެވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައެވެ.
މިއަަދު ރައީސް ސޯލިހް އައްޔަން ކުރެއްވި ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އިފްހާމް އާއެކު މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ އަދަދު 26 އަށް އެރީ އެވެ.