02 Jan 2019, 17:46
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެޓާނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް މ. ނިޔަދުރުމާގެ، ޚަދީޖާ ޝަބީން އައްޔަން ކުރައްވައިފި އެވެ.
ޚަދީޖާ ޝަބީން އެ މަގާމަށް އައްޔަން ކުރެއްވުމަށް ފަހު މަގާމްގެ ފަތްކޮޅު އެރުއްވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރައީސް އޮފީހުން ބުނީ ޚަދީޖާ ޝަބީން އެމަގާމަށް އައްޔަންކުރައްވާފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސް ސޯލިހަށް ލިބިދޭ ބާރުގެ ދަށުން، ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށެވެ.
ގާނޫނީ ދާއިރާގައި މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާ، ޚަދީޖާ ޝަބީން އަކީ ސިންގަޕޫރުގެ ނެޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯ އިން މާސްޓާ އޮފް ލޯސް ހާސިލުކުރައްވައި އަދި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބާނުން ބެޗެލާ އޮފް ލޯސް ވިތު އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޚަދީޖާ ޝަބީން މީގެ ކުރިން ވަނީ ރައީސް އޮފީހާއި، އެޓާނީ ޖެނެރަލްގެ އޮފީހުގެ އެކި މަގާމުތައް ފުރުއްވާފައެވެ. އަދި އޭގެ އިތުރުން އެނާ ވަނީ އަމިއްލަ ލޯ ފާމްތަކުގައިވެސް ގާނޫނީ ދާއިރާއިން މަސައްކަތްކުރައްވާފަ އެވެ.
ހަދީޖާ އެމަގާމަށް މިއަދު އައްޔަން ކޮށްފައިވާ އިރު، ކުރިން އެ މަގާމުގައި ހުންނެވީ 2015 ވަނަ އަހަރު އޮގަސްޓް މަހު އެ މަގާމަށް އައްޔަން ކުރެއްވި އަޙްމަދު އުޝާމެވެ.