ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާ ނުކުރާ ނަމަ ކުރަން ޖެހޭ ޖޫރިމަނާތައް ކުރުން އަންނަ ޖުލައި މަހަށް ފަސްކޮށްފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ "މުސާރައާ ބެހޭ ކަންކަން ވަޒީފާދޭ ފަރާތުގެ މައްޗަށް ތަންފީޛުކުރުމާބެހޭ ގަވާއިދު"ގެ ހަތަރު ވަނަ މާއްދާގައިވާ ގޮތުން ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް އެ މީހުންނަށް ދޭން ޖެހޭނީ އެ މީހުންގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްގެންނެވެ.

އަދި ވަޒީފާދޭ ފަރާތުން ބޭންކް އެކައުންޓަށް މުސާރަ ޖަމާ ނުކުރާ ނަމަ އެ މީހަކު ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގައިވައިދުގައިވެ އެވެ.

އެކަން އެގޮތަށް ނުކުރާ ފަރާތްތަކާ މެދު އެ ގަވައިދުގެ ދަށުން ޖުރިމަނާ ކުރަން ފަށަން އޮތީ އެއްޔެ އަށެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ވަނީ އެ ގަވާއިދަށް އިސްލާހު ގެނެސް ޖޫރިމަނާ ކުރަން ފެށުން އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ފަސްކޮށްފަ އެވެ.

މީގެ ކުރީން ވެސް އެ މިނިސްޓްރީން ވަނީ އެ ގަވައިދުގެ ދަށުން ޖުރީމަނާ ކުރަން ފަށާ ތާރީހު އެކި ފަހަރު މަތިން ފަސްކޮށްފަ އެވެ. ދެހާސް ސޯޅަ ވަނަ އަހަރު ނޮވެމްބަރު މަހު ވުޖޫދުވި އިރު، އެ ގައިވައިދުގެ ހަތް ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުން ޖޫރިމަނާ ކުރަން ފަށާނީ 01 އޭޕްރީލް 2017 އިން ފެށިގެން ކަމަށެވެ.

އެ ގަވައިދުގައިވާ ގޮތުން، ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް އެކައުންޓަށް ޖަމާ ނުކޮށް، މުސާރަ އާއި އިނާޔަތްތައް ދޭ ނަމަ، ވަޒީފާދޭ ފަރާތް 10،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.