02 Jan 2019, 14:32
ބަޣުދާދު(ޖެނުއަރީ 2): އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސެއިން ގައުމުގެ ރައްޔިތުންނަށް ދެއްވި ފަހު މެސެޖު ދަރިކަނބަލުން ރަޣަދު ހުސެއިން އާއްމުކުރައްވައިފިއެވެ.
ދެހާސްތިން ވަނަ އަހަރު އެމެރިކާއިން އިރާގަށް އެރި ފަހުން އުރުދުންގައި ދިރިއުޅުއްވާ ރަޣަދު އެމެސެޖު އާއްމު ކުރެއްވީ ސައްދާމް އަވަހާރަކޮށްލިތާ 12 އަހަރު ފުރުނު ފަހުންނެވެ.

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސެއިންގެ ފަހު މެސެޖު އޭނާގެ ދަރިކަނބަލުން ރަޣަދު ހުސެއިން ވަނީ އާއްމުކޮށްފަ -- ފޮޓޯ: ރޮއިޓާސް
އެމެސެޖުގައި ސައްދާމް ވަނީ މާތްﷲ އަށް ވަކީލު ކުރާ ކަމަށާއި، އެކަލާނގެ ތެދުވެރި އިމާންތެރިއަކު މާޔޫސް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ސައްދާމް އެމެސެޖު ލިޔުއްވި ކަމަށް ބުނެފައި ވަނީ އޭނާ އަވަހާރަކޮށްލުމުގެ ހަތަރު ދުވަސް ކުރިންނެވެ. އިރާގުގެ ކުރީގެ ބޮޑުވަޒީރު ނޫރީ އަލް މާލިކީގެ އަމުރަށް ސައްދާމަށް މަރުގެ އަދަބު ދިނީ 30 ޑިސެމްބަރު 2006ގައެވެ.
ސައްދާމް މަރަން ހުކުމް ކުރީ 1982 ވަނަ އަހަރު އޭނާގެ ވެރިކަމުގައި އިންސާނިއްޔަތާ ހިލާފު އަމަލުތައް ކުރި ކަމުގެ ދައުވާގައެވެ. އެގޮތުން ސައްދާމް އަވަހާރަކޮށްލަން މަސައްކަތް ކުރި މައްސަލައިގައި ޝީއީންގެ ބޮޑު އާބާދީއެއް އޮންނަ ދުޖައިލްގެ 148 މީހުން މެރި ކަމަށް ދައުވާގައިވެއެވެ.
ސައްދާމް އިރާގުގެ ރައީސްކަން ކުރެއްވީ 1979އަކުން 2003އަށެވެ.