ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކުގެ ނަމަށް ބަދަލުކުރަން މާލޭ ސިޓީ ކައުންސިލުގެ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުގެ ޑެޕިޓީ މޭޔަރު ޝަމާއު ޝަރީފު 'ސަން' އަށް ވިދާޅުވީ ސަލްޓަން ޕާކުގެ ނަމަށް ރަސްރަނި ބަގީޗާގެ ނަން ބަދަލު ކުރުމަށް ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ މީގެ ތިން ހަފްތާ ކުރިން ބޭއްވި ކައުންސިލު ބައްދަލު ވުމުގައި ކަމަށްވެސް ޝަމާއު ވިދާޅުވިއެވެ. އަދި އެކަން ހާސްގޮތަކަށް ކުރުމަށް ވިސްނުން ހުރި ކަމަށް ޝަމާއު ވިދާޅުވިއެވެ.

" އާ އަހަރު ފެށުމާ އެއްކޮށް އަޅުގަނޑުމެން ހާއްސަ ކަންތައްތަކަކާއެކު ސަލްޓަން ޕާކުގެ ނަމަށް ބަދަލުކޮށް އަލުން ހުޅުވުމުގެ މަސައްކަތް މިދަނީ ކުރަމުން،" ޝަމާއު ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް ރަސްކަން ނިމުމާއެކު، އޭރުގެ ގަނޑުވަރު ހުރި ބިމުގައި ގަސް އިންދައި، ޕާކެއްގެ ގޮތުގައި އެތަން ހުޅުވީ 1968 ވަނަ އަހަރު އޭރުގެ ރައީސް އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ.

ގާތްގަނޑަކަށް 50 އެއްހާ އަހަރު ވަންދެން "ސަލްޓަން ޕާކު"ގެ ނަމުގައި އޮތް އެ ޕާކުގެ ނަން "ރަސްރަނި ބަގީޗާ"އަށް ބަދަލުކުރީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހު، އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ޔާމީނުގެ ސަރުކާރުން ވަނީ އެތަނަށް ބޮޑެތި އަދި ޒަމާނީ ބަދަލުތަކެއް ގެނެސް، އެތަން ވަރަށް ފުރިހަމައަށް ތަރައްގީވެސް ކޮށްފައެވެ.

ސަލްޓަން ޕާކު ފަދަ ތާރީހީ ތަނެއްގެ ނަން އެފަދައިން ބަދަލުކުރުމަކީ އެތަނުގެ ތާރީހީ އައިޑެންޓިޓީ ގެއްލޭނެ ކަމެއް ކަމުގައި ބުނެ ގިނަ ބަޔަކު ކުރީގެ ސަރުކާރަށް ފާޑު ކިޔައި، ނުރުހުންވެސް ފާޅުކުރިއެވެ. އޭގެ ފަހުން ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަންޕާކަށް ބަދަލުކުރާން އުޅުމުން އެގޮތަށް އެކަން ނުކުރުމަށް އެދި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވަނީ ކަމާގުޅޭ އިދާރާތަކަށް އިލްތިމާސްކުރައްވައިފައެވެ.

ރަސްރަނި ބަގީޗާ މިހާރު ތަރައްގީކޮށްފައިވަނީ ޒަމާނީކޮށް، އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައެވެ. ކުޑަކުދިންނަށް ކުޅެވޭނެ ގިނަ އިންތިޒާމުތަކެއް އެތަނުގައި ހުރި އިރު، ސްޓޭޖަކާއި ފައްވާރެއްވެސް އެތަނުގައި ހުރެއެވެ.